''ސޫކް'' ގެ ނަމުގައި ސިޓީ އިންވެސްޓްމަންޓްސް އިން ސުޕަމާކެޓެއް ހުޅުވައިފި އެވެ.
މާލޭގައި މި ސުޕަމާކެޓް ހުޅުވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އޯކިޑް މަގުގައި ހުންނަ މި ސުޕަމާކެޓް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ. ސިޓީ އިންވެސްޓްމަންޓުން މައުލޫމާތު ދޭގޮތުގައި ސޫކް އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އިން ސްޓޯ ބޭކިން ސްޓޭޝަން އެންޑް ޑައިނިން ހުންނަ ސުޕަރ މާކެޓެވެ.
ސިޓީ އިންވެސްޓްމަންޓުގެ ފަރާތުން ވާހަކަ ދައްކަވަމުން އައިޝާ ދީދީ ވިދާޅުވީ އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ އެތަނުން ލިބެން ހުންނަ ތަކެތީގެ ކޮލިޓީ އެއް ހަމައެއްގައި ހިފެހެއްޓުމުގެ އިތުރުން ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
ސިޓީ އިންވެސްޓްމަންޓްސް (ކުރީގެ ސިޓީ ބޭކަރީ) ރާއްޖޭގައި އުފެދުނީ 2005 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި ރެސްޓޯރަންޓް، ކެފޭ، ބޭކަރީ އަދި ތަފާތެ އެކި ވައްތަރުގެ ފެންވަރު ރަނގަޅު ކާބޯތަކެތީގެ ވައްތަރުތައް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ކުންފުންޏެކެވެ.
ސޫކް އަކީ ސިޓީ އިންވެސްޓްމަންޓް ގެ ފުރަތަމަ ސުޕާރ މާކެޓެވެ. އެ ކުންފުނީގެ ދަށުން މީގެ ކުރިން ހިންގަމުން އައީ ހަތަރު ބޭކަރީއާއި ދެ ކެފޭގެ އިތުރުން އެއް ރެސްޓޯރަންޓެވެ.