އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އަވަހާރަ ވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސުޝްމާގެ އާއިލާގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ރޭ ފަތިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޝްމާ އަކީ އާންމުންނަށް ހިދުމަތް ކޮށްދެއްވުމުގައި ފާހަގަ ކޮށްލެވޭ ހާރިޖީ ވަޒީރެއްކަމަށެވެ. އަދި ސުޝްމާ އަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަން ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ.
ސުޝްމާ އަވަހާރަވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަ ވެފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ސުޝްމާ އަވަހާރަވެވަޑައިގެންނެވީ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނިމިދިޔަ ސަރުކާރުގައި މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވި ސުޝްމާ ވަނީ އެއިމްސްއިން އޭޕްރިލް 2016 ގައި ކިޑްނީ ޓްރާންސްޕުލާންޓެއް ވެސް ހައްދަވައިފައެވެ. އެކަމުގެ އާލާސްކަންފުޅާ ގުޅިގެން މިއަހަރު ބޭއްވި އާންމު އިންތިހާބުގައި ވެސް އެކަމަނާ ވާދަ ކުރައްވައިފައެއް ނުވެއެވެ.