ބޮލީވުޑް

ސޮނާކްޝީ ހައްޔަރު ކުރީތަ؟

އިއްޔެގަ ވަނީ ބަތަލާ ސޮނާކްޝީ ސިންހާ ހައްޔަރު ކުރާ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެފައެވެ.

އެ ވީޑިއޯގައި ފެންނަނީ ފުލުހުން ސޮނާކްޝީގެ އަތް ފަހަތަށް ބަނދެ ބިޑި އަޅުވާ މަންޒަރެވެ. އަދި ސޮނާކްޝީ ދިޔައީ އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށް ބުނަމުންނެވެ. އެއާއެކު ތިމަންނަމީ ކާކުކަން ނޭނގޭތޯވެސް އަހަމުންނެވެ.

ވީޑިއޯ މީސް މީޑިއާއަށް އައުމާއެކު ޓުވިޓަރުގައި ވަނީ އަސްލީސޯނާއެރެސްޓަޑްގެ ނަމުގައި ހޭޝްޓެގެއްވެސް ވައިރަލްވެފައެވެ.

އިއްޔެފަހުގެ ވަގުތެއްގައި ސޮނާކްޝީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އިންސްޓާ ސްޓޯރީއެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓުގައި ސޮނާކްޝީ ބުނީ، ވައިރަލް ވެގެން އުޅޭ ވީޑިއޯ ގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވާނެކަން އެނގޭ ކަމަށާއި، އެއީ މުޅިން ތެދު ނޫން ކަމަށެވެ. އަދި ވަރަށް އަވަހަށް ހުރިހާ ތަފްސީލެއް ހިއްސާ ކުރާނެ ކަމަށް ބުނެފައިވެ ވެއެވެ.

އެއްބަޔަކު ބުނަނީ އެވީޑިއޯއަކީ އިސްތިހާރެއް ނުވަތަ ސޮނާކްޝީގެ ފިލްމެއް ނޫނީ ލަވައެއްގެ މަންޒަރު ނުވަތަ ޕްރޮމޯޝަނުގެ ބައެއް ކަމަށެވެ.

އަނެއް ބަޔަކު ތުހުމަތު ކުރަނީ ސޮނާކްޝީއަށް ކޮށްފައިވާ މަކަރާ ހީލަތް ހެދުމުގެ މައްސަލައިގައި އޭނާ ހައްޔަރު ކުރީ ކަމަށެވެ. އެގޮތުން މީގެ ކުރިން ފުލުހުން ވަނީ އެ މައްސަލައިގައި އޭނާގެ ގެއަށްވެސް ވަދެފައެވެ.

ދިއްލީގެ އިވެންޓްތައް އިންތިޒާމް ކުރާ ފަރާތަކުން، ސޮނާކްޝީއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ވަނީ، އޭނާ އެއްބަސްވި ގޮތާ ޚިލާފުވެ، ޕާފޯމް ކުރުމަށް ހާޒިރުވެފައި ނުވާތީ އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ހޯދުމަށެވެ. ސޮއިކޮށްފައިވާ ޝޯގައި ޕާފޯމް ކުރުމަށް ސޮނާކްޝީ 32 ލައްކަ އިންޑިއަން ރުޕީސް، ބުކިން ފީއެއްގެ ގޮތުގައި ނަގާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.