ވޭން ރޫނީ

ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ރޫނީ ޑާބީ ކައުންޓީއަށް

އަލީ ރިފްޝާން

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ވޭން ރޫނީ، ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާން އިނގިރޭސި ކްލަބަކާ ގުޅުމަށް އެއްބަސްވެއްޖެއެވެ.

އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ ޑީސީ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ ރޫނީ، އިނގިރޭސި ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީއާ ގުޅުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުއެވެ. އޭނާ އެކްލަބާ ގުޅޭނީ 18 މަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިނގިރޭސި ގައުމީ ޓީމަށާއި މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑް ރޫނީ، ޑާބީ ކައުންޓީއާ ގުޅިފައިވަނީ ޗެމްޕިއަންޝިޕްގައި ވާދަކޮށް، އެ ކްލަބު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޑާބީ ކައުންޓީއާއެކު ރޫނީ ހެދި އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެ އެއްބަސްވުން 12 މަހަށް އިތުރުކުރުމުގެ ފުރުސަތު ވެސް ރޫނީއަށް ލިބޭނެއެވެ.

ޑާބީ ކައުންޓީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ރޫނީ ބުނީ އެ ކްލަބުން އޭނާއަށް ދިން ފުރުސަތަށްޓަކައި އުފާކުރާ ކަމަށާއި ޑާބީގެ ހެޑް ކޯޗު ފިލިޕް ކޮކޫއާއި ކޯޗިން ސްޓާފް އަދި ސްކޮޑާއެކު މަސައްކަތްކުރުމަށް ޖެނުއަރީގައި އެކްލަބާ ގުޅޭނެ ކަމަށެވެ. އަދި އެކްލަބު ޕްރިމިއާ ލީގަށް ޕްރޮމޯޓުކޮށްދިނުމަށް ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުނައިޓެޑާއި އެމެރިކާގެ ޑީސީ ޔުނައިޓެޑުގެ އިތުރުން މީގެ ކުރިން ރޫނީ ދެ ފަހަރެއްގެ މަތީން އިނގިރޭސި ކްލަބު އެވަޓަންއަށް ކުޅެފައިވެއެވެ. އެވަޓަންއަކީ ރޫނީގެ ފުޓްބޯޅަ ކެރިޔަރު ފެށި ކްލަބެވެ.