އަލީ ރިފްޝާން
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ސްރީ ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ނިންމައިފިއެވެ.
ރާއްޖެއާއި ލަންކާގެ ވޮލީ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން ފެށިގެން 15ގެ ނިޔަލަށް ރާއްޖޭގައެވެ.
ލަންކާގެ ޓީމު ރާއްޖެއަށް ކުރާ އެ ދަތުރަކީ ރާއްޖޭގެ ޓީމު ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުކުރުވުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށް ކުރާ ދަތުރެކެވެ.
މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ރަން މެޑެއްޔެއް ރާއްޖޭގެ ޓީމުން ހޯދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރާއްޖެއިން 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ރަނަރަޕްކަން ހޯދި އިރު، 2016 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދިއެވެ. އެއަށްފަހު ފާއިތުވެދިޔަ ދެ އަހަރު ރާއްޖެއަށް އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.
ފާއިތުވެދިޔަ ދެ އަހަރުގެ ތެރެއިން 2017 ވަނަ އަހަރު ސެންޓްރަލް ޒޯން ވޮލީ މުބާރާތް ބާއްވާފައިވަނީ ރާއްޖޭގައެވެ. ރަން މެޑެއްޔެއް ހޯދުމަށް ކުރި އުންމީދު ގެއްލިގެން ދިޔަ އިރު، އެ އަހަރުގެ މުބާރާތުގައި ކުޅުނު މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ވެސް ނެރެވިފައެއް ނުވެއެވެ.