ޕޮލިސް

އިތުރަށް ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފުލުހުން އޮޕަރޭޝަނެއް ފަށައިފި

ޝަހީދާ އަބްދުﷲ ސައީދު

ޓެކްސީގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ޓެކްސީ ގަވައިދުގެ ފަސްވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ޓެކްސީ ހިދުމަތަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި އިތުރަށް ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމާއި ޓެކްސީ ގަވައިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ރޯޑުވާދިނަސް މިންގަނޑަށް ފެތޭތޯއާއި އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ނުވާ އުޅަނދުތަކެއްތޯ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.

ޓެކްސީތަކުން އިތުރަށް ފައިސާ ނަގައިތޯ ބެލުމުގެ އޮޕަރޭޝަނެއް ފެށިއިރު، މާދަމާއިން ފެށިގެން ޓެކްސީގެ އާ ގަވައިދަށް އަމަލުކުރަން ފަށާނެއެވެ. މި ގަވައިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ގަވައިދުގައިވާ ގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނީ، މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރެއްގެ އަގު 60ރ. އަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ.

އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. އަދި މީގެކުރިން ޑިކީއަށް އެއްޗެއްލާނަމަ އިތުރަށް 5 ރުފިޔާ ނެގި ނަމަވެސް އާ ގަވައިދުގެ ދަށުން ޑިކީއަށް ލާއެއްޗަކަށް އެއްވެސް އަގެއް ނުނެގޭނެއެވެ. އަދި ރޭގަނޑު ބާރައިގެ ފަހުން ކުރާ ދަތުރުތަކަށްވެސް އިތުރަށް ފައިސާއެއް ނުނެގޭނެއެވެ.