އިބްރާހިމް ޒަކީ
މިނިވަން މުއައްސަސާތަކަށް މެންބަރުން ކަނޑައެޅުމާއި ފަނޑިޔާރުން ނެގުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ގަވައިދަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ ނަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މި އިސްލާހާބެހޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމާއި، ވަކި ކުރުމުގައި މުޅި މަޖިލިސް ޝާމިލް ކުރެވޭތޯ ބެލުމަކީ އަމާޒެއް ކަމަށެވެ.
މިހާރު އެކަމުގެ ބާރު މަތި ކޮށްަފއިވާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޖަވާބުދާރީ ކުރުވުމުގެ މަސައްކަތާއި، އައްޔަން ކުރުމާއި ވަކި ކުރުމުގެ މަސައްކަތަކީ ތަފާތު ދެ މަސައްކަތެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމަކީ، އެމްޑީޕީގެ އެކަނި ބައިވެރިވުން އޮންނަން ބޭނުންފުޅުވާ ކަމެއްނޫން ކަމަށެވެ.
ބޭނުންފުޅުވަނީ، މަޖިލީހުގައި ހިމެނޭ ދާއިމީ 17 ކޮމިޓީގެ މުގައްރިރުންނާއި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލަން ކަމަށް ނަޝީދު ވިދާޅުވިއެވެ.