ޝަހީދާ އަބްދުﷲ ސައީދު
ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަސް ގައުމެއްގެ މެދުގައި އެކުލަވައިލާ އެއްބަސްވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ފުލުހުން ބުނީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސްނަގައިގެން ގާއިމްކުރަން ހުށައަޅާފައިވާ މިއެއްބަސްވުމަކީ ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގާއިމުކުރުމުގެ ގޮތުން ވެވޭ އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާ ސަރުކާރުގެ މެދުގައެވެ.
އެއްބަސްވުމުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ގައުމުތަކަށް ލިބޭ އިޖުތިމާއީ އިގްތިސޯދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ މިފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ހައްގުތަކާއި ގައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދެނެގަތުން ކަމަށް ފުލުހުން ބުނެއެވެ.
މިއެއްބަސްވުމުގެ ދަށުން ސެންޓަރެއް ގާއިމުކޮށް ހިންގަން ފެށުމަކީ، ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކުށުގެ ވެށި ކޮންޓްރޯލްކޮށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، އިންސާފު ގާއިމުކޮށް، މިފަދަ ކުށްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ އިޖުތިމާއީ އިގްތިސޯދީ އަދި އެހެނިހެން ގެއްލުންތައް ކުޑަކޮށް، ރައްޔިތުންގެ ފުރާނައާއި މުދާލާއި އެހެނިހެން ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ އުސޫލުތަކާއި މި އެއްބަސްވުމުގައި ބައިވެރިވާ ގައުމުތަކުގެ ގާނޫނުތަކުގެ އަލީގައި އެއް ގައުމުން އަނެއް ގައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމުކޮށް، ގައުމުތަކުގެ ދާހިލީ ކަންތައްތަކަށް ބުރޫ ނާރާނެހެން، މިފަދަ ކުށްކުރުން ހުއްޓުވުމަށް މިއެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނެއެވެ.
އެގޮތުން ބައިނަލްއަގްވާމީ ގުޅުންތައް ހަރުދަނާ ކުރުމުގެ މުހިންމުކަން ދެނެގަތުމާއިއެކު، ކަމާގުޅޭގޮތުން ހެދިފައިވާ ބައިނަލްއަގްވާމީ އެކިއެކި މުއާހަދާތަކުގައިވާ ކަންތައްތައް ތަންފީޒުކުރާނެއެވެ.
އަދި ގައުމުތަކުގެ މެދުގައި އެއްބަސްވެގެން ހިންގާ ބައިނަލްއަގްވާމީ އޮޕްރޭޝަންތައް ރާވައި، ހިންގައި އަދި ވިލަރެސްކުރުމުގެ ގޮތުން "ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް ގެ ނަމުގައި ސްރީލަންކާގައި ސެންޓަރެއް ގާއިމްކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.