ސުޕްރީމް ކޯޓް

ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އެދިއްޖެ

އާނިފާ ހުސެއިން ސިރާޖް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ޅ. މާބިންހުރާ، ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިޔަން ޑޮލަރު (77 މިލިއަން ރުފިޔާ)އަށް އަދީބު ހިޔާނާތްތެރިވި މައްސަލަ ވަނީ އިސްތިއުނާފުކޮށްފައެވެ. މި މައްސަލައަކީ މީގެ ކުރިން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ އަދީބުގެ ފަރާތުން ހައިހޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ އަލުން އެ މައްސަލަ ބެލުމަށެވެ. އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓު ހިފަހައްޓާ ބަންދުގައި ބެހެއްޓުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.

މިހާތަނަށް ދައުލަތުން ނެރެދީފައިވަނީ ހަމައެކަނި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެކެވެ. އަދި ބަންދުގައި ބެހެއްޓުމުގެ އަމުރު ނުނެރުނީ އޭރު އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ކުރިން ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ނަމަވެސް އަދީބުވަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގްބޯޓެއްގައި ރާއްޖެއިން ބޭރަށް ފިއްލަވަން އުޅުއްވާފައެވެ. މި މައްސަލާގައި އަދީބުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހަާފައެވެ.

ދައުލަތުން އަދީބު ބަންދުގައި ބެހެއްޓި ނަމަވެސް މިއަދު އެކަމަށް ގޮތެއް ސުޕްރީމް ކޯޓުން ނިންމާފައެއް ނުވެ އެވެ.