ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ ވަކީލަކަށް މީހަކު އައްޔަން ކުރަން ހަތް ދުވަހުގެ މުއްދަތެއް ސުޕްރީމް ކޯޓުން ދީފިއެވެ.
އަދީބުގެ ވަކީލަކަށް މީހަކު ހަމަޖެއްސުމަށް ސުޕްރީމް ކޯޓުން މުއްދަތު ދީފައިވަނީ މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގަ އެވެ.
މިއަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އަދީބުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އެދިފައެވެ. މިކަމާ ގުޅިގެން ސުޕްރީމް ކޯޓުންވަނީ އަދީބުގެ ބަންދާއި މެދު ވަކި ގޮތެއް ނިންމުމަށްފަހު މިއަދު ނޫނީ މާދަމާ އަންގާނެ ކަމަށް ބުނެފައެވެ. ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށެވެ.
މިމަހު އެއްވަނަ ދުވަހު، ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބު ވަނީ އިންޑިއާ ސަރުކާރުން ހިފަހައްޓައިފައެވެ. އޭނާ ވަނީ މިމަހު ތިންވަނަ ދުވަހު އިންޑިއާއިން ރާއްޖެއާއި ހަވާލުކޮށްފައެވެ.
އަދީބު ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، އޭނާގެ ހައްޔަރާ މެދު ގޮތެއް ނިންމަން ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރު ކުރީ އަދީބު ހައްޔަރުކޮށްފައި ވަނީ ބައިނަލް އަގުވާމީ ގާނޫނު ތަކާއި ގަވައިތަކާ ހިލާފަށް ކަމަށް ވާތީ އޭނާ ވަގުތުން މިނިވަން ކުރުމަށެވެ.
އެހެން ނަމަވެސް ފުލުހުން ފަހުން އަދީބު ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ އޭނާގެ ޕާސްޕޯޓު ސުޕްރީމް ކޯޓުގެ އަމުރަކަށް ހިފަހައްޓާފައި ވަނިކޮށް ފިލި މައްސަލައިގަ އެވެ. އަދީބު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.