އިބްރާހިމް ޒަކީ
ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް ވެރިޔާ ފްރެޑްރިކާ މުގުރިނީ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ތަގުރީރުކުރައްވަން ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ، މުގުރިނީގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅު ކަމަށެވެ.
އޭނާ މާދަމާ މަޖިލީހުގައި ތަގުރީރުކުރައްވަން ހަމަޖައްސާފައިވީނަމަވެސް އެއީ މަޖިލީހުގެ ޖަލްސާއެއް ނޫންކަމުން ވީހާވެސް ގިނަ މެންބަރުން އެ ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މުގުރިނީ އަކީ އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ޔޫނިއަން ފޯރ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީގެ އިތުރުން ވައިސް ޕްރެޒިޑެންޓް އޮފް ދަ ކޮމިޝަން ކަމަށެވެ.
މީގެ އިތުރުން މުގުރިނީ އަކީ އީޔޫ ކައުންސިލް މެންބަރު ކަމާއި، ނޭޓޯގެ އިޓަލީ ލީޑަރު ކަމާއި އިޓަލީގެ ފޮރިން މިނިސްޓަރު ކަމާއި މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.