ރައްޔިތުންގެ މަޖިލިސް

އޭސީސީގެ ކުރީގެ ރައީސް ރާއްޖެ ގެނެސް މައްސަލަ ތަހުގީގު ކުރާނެ: މެންބަރުން

އިބްރާހިމް ޒަކީ

އިސްތިއުފާ ދެއްވުމަށް ފަހު ރާއްޖޭން ބޭރަށް ވަޑައިގެން ހުންނެވި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ރާއްޖެ ގެނެސް އޭނާގެ މައްސަލަ ތަހުގީގުކޮށް ހިޔާނާތް ފޮރުވުމަށް ކޮށްފައިވާ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް ރައްޔިތުުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މި ގޮތަށް ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް، ބިރުދެއްކި ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރިއަށް ގެންދިޔަ ބަހުސްގަ އެވެ.

މެންބަރުން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ ކޮރަޕްޝަނާއި ވައްކަމުގެ ފަސް އަހަރު ހަމަށާއި، އެ ކުރިހާ ވައްކަމެެއް ފޮރުވުމުގައި ހުންނެވި އިސް ބޭފުޅަކީ ލުތުފީ ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގައި ސުވާލު ކުރުމަށްވެސް ލުތުފީ ރާއްޖެ ގެންނަން ޖެހޭކަމަށް އެ މެންބަރުން ވިދާޅުވިއެވެ.

މި ކުއްލި މައްސަލައަށް ވާހަކަ ދަކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ލުތުފީ މި ސަރުކާރުން ރާއްޖެ ގެންނާނެ ކަމަށެވެ. އަދި އޭނާއާ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި، ލުތުފީ ރާއްޖެ ގެނެސް އޭނާގެ މައްސަަލަ ތަހުގީގު ކުރުމަށް ބައިނަލް އަގުވާމީ ފަރާތްތަކުން މި ސަރުކާރަށް އެހީތެރިކަން ދޭނެ ކަމަށެވެ.

"މިއަދުުގެ ސަރުކާރުން ލުތުފީވެސް ގެނެސް ގާނޫނު އަރާ ހަމަކުރާނެ، ބައިނަލް އަގުވާމީ ފަރާތްތަކުން ލުތުފީ ރާއްޖެ ގެންނަންވެސް އަދި ލުތުފީގެ ކަންކަން ތަހުގީގު ކުރަންވެސް މި ސަރުކާރަށް އެހީތެރިކަން ދޭނެ،" އީވާ ވިދާޅުވިއެވެ.