ބޮލީވުޑް

ސަނީ ޑިއޯލްގެ ދަރި ފެނިގެންދާ ފިލްމް ޕަލްޕަލް ދިލް ކޭ ޕާސް ގެ ޓީޒާ ރިލީސްކޮށްފި

ޑިއޯލް އާއިލާ އަކީ ފިލްމީ ދުނިޔޭގައި ފިޔަޖަހަމުން އަންނަ އާއިލާއެކެވެ. މިފަހަރު މިއޮތީ ސަނީ ޑިއޯލްގެ އަމިއްލަ ޑައިރެކްޝަނެކެވެ. "ޕަލްޕަލް ދިލްކޭ ޕާސް" ގެ ލީޑު ރޯލުން ފެނިގެން ދަނީވެސް ސަނީ ގެ ދަރިފުޅު ކަރަން ޑިއޯލްއެވެ. 

މި ފިލްމަކީ ކަރަންގެ ބޮލީވުޑް ޑެބިއުއެވެ. މީގެ އިތުރުން ފިލްމުގެ ލީޑު ބަތަލާ ކަމަށްވާ ސަހާރު ބަމްބާ އަކީވެސް އަލަށް ބޮލީވުޑަށް ނުކުންނަ ތަރިއެކެވެ.

ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު މިއޮތީ ފިލްމުގެ ސްނީކް ޕީކެއް ލިބޭ ވަރުވެފައެވެ. ފިލްމުގެ ފުރަތަމަ ޓީޒާ ނެރެފައެވެ.

ޓީޒާ އިން މާބޮޑަށް ފިލްމާބެހޭ މައުލޫމާތެއް ނޭނގުނު ނަމަވެސް އިތުރަށް ފިލްމާ ބެހޭގޮތުން އޮޅުން ފިލުވަން ހިތްއެދޭ ކަހަލައެވެ.

ފިލްމުގެ ޓީޒާ ހިއްސާކުރީ ސަނީ އޭނާގެ ޓުވިޓާގައެވެ.

ސަނީ ވަނީ ވަރަށް ފަހުން އޭނާގެ ދަރިފުޅު ފިލްމުގައި އަދާ ކުރާ ރޯލާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ސަނީ ބުނި ގޮތުގައި އެންމެ މުހިންމު ކަމަކަށް ބެލީ އަސްލު ކަރަން ދައްކުވައިދޭތޯ ކަމަށެވެ. އަދި އާންމުކޮށް ފިލްމުތަކުގައި ދައްކާހެން ބޮޑު އެންޓްރީއެއް ސީނަކުން ދައްކަން ބޭނުން ނުވާ ކަމަށެވެ. ފިލްމުގައި ދައްކުވައިދީފައިވާނީ ޒުވާން ކުދިންގެ އިހްސާސްތައް ކަމަށް ސަނީ ވަނީ ބުނެފައެވެ.

ފިލްމު ރިލީސްކުރަނީ ސެޕްޓެމްބަރު 20 ގައެވެ.