އެކި ކަހަލަ ގިނަ ކުނިތަކުން ފުރިފައިވާ ތަނަކުން ލޮލުގައި އަޅައިގަތީ ސީހޯސްއެއް ކަފަ ބުރެއް އޭގެ ނިގުލުގައި އަޅައިގަނެގެން އުޅޭ މަންޒަރެވެ. ވެލައެއްގެ ކަރުގައި އޮތީ ޕްލާސްޓިކް ކޮތަޅެއް އޮޅިފައެވެ. ފެހުރިއްސެއް ވަލުގައި އޮޅި ހައްޔަރުވެފައެވެ. ނަމަވެސް މި ހުރިހާ ކަމެއް ހިމެނެނީ އެއް މަންޒަރެއްގައެވެ. ދައްކުވައިދެނީ ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރެވެ. އެއީ ފުރިހަމަ ކުރެހުމެކެވެ.
މިއީ އަންވެއިލިންގް ވިޝަންސް 19 ގެ ނަމުގައި މިހާރު ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ އެގްޒިބިޝަންގައި ހުނަރުވެރިޔާ އަހުމަދު ޝައްފާން (ޝަފްއޯޝަންސް) ކުރި ބުރަ މަސައްކަތުން ދައްކާލި އާޓްވޯކުން ދޭން ބޭނުންވާ ބޮޑު މެސެޖެވެ. "ހެޑްލައިންސް އެންޑް ޑެޑްލައިންސް ފޯ އަ ޕްލާސްޓިކް ފްރީ ވޯލްޑް"ގެ ނަމުގައި ޝައްފާންގެ ހުނަރުވެރިކަން ފެންނަ އެ އާޓްވޯކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު، އޭގެން ދައްކުވައިދެނީ މި ކުޑަކުޑަ ޖަޒީރާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނުފުޅުގައި ޕްލާސްޓިކް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކުރެހުމެކެވެ.
ކުރެހުން ގެނެސްދީފައިވަނީ އެތައް ސަތޭކަ ޕްލާސްޓިކް އެތިކޮޅުތަކަކުންނެވެ. އެގޮތުން ކުޅޭ އެއްޗިއްސާއި ދަތްއުނގުޅާ ބުރުހާއި، ލުއިބުއިން ހުސްކުރި ދަޅާއި ފުޅިއާއި ފުޅީގެ މައްޗާއި ބޮލުގައި ޖަހާ ދައްޗާއި ކޮތަޅު ފަދަ ތަކެތި ފެންނަން ހުއްޓެވެ.
އާޓިސްޓް ކޮމިއުނިޓީގެ ވައިސް ޝައްފާން ބުނި ގޮތުގައި އާޓްވޯކަށް ޕްލާސްޓިކް ކުނި ހޯދީ ރައްޓެހިގެންގެ އަތުންނާއި މޫދާއި މަގުމަތީންނެވެ. އަދި އެ ހުރިހާ ކުންޏެއްވެސް ހޯދީ މާލެއިންނެވެ.
އާޓްވޯކަށް ބޭނުންވާ ޕްލާސްޓިކް ކުނި ހޯދުމަށް ޝައްފާން ދެ ހަފުތާ ހޭދަކުރިއިރު، ޝައްފާން ބުނާގޮތުން، އެ އާޓްވޯކަކީ އޭނާ އިންޑަސްޓްރީގައި ހޭދަކުރި 16 އަހަރުގައި ވެސް ނުކުރާފަދަ ބުރަ މަސައްކަތެކެވެ. އެގޮތުން އެ މަސައްކަތަށް ގާތްގަނޑަކަށް 45 ވަރަކަށް ދުވަސް އޭނާ ހޭދަކުރިއެވެ.
ނަމަވެސް އޭނާގެ ބޭނުމަކަށްވީ ރާއްޖެއަށް ޕްލާސްޓިކުން ލިބޭ ގެއްލުން ހާމަކޮށްދިނުމެވެ. އެކަމަށް ހޭލުންތެރިކޮށް، އެކަން ހުއްޓުވުމެވެ. އަދި އާޓިސްޓުންނަށް ޕްލާސްޓިކްގެ ބޭނުން ކުރެވިދާނެ ތަފާތު ގޮތެއް އަންގައިދިނުމެވެ.
"ޕްލާސްޓިކުން ލިބޭ ގެއްލުން ދައްކުވައިދޭއިރު، އެކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރައްވައި އެކަމުގެ ނުރައްކާ ކުޑަ ކުރައްވަން މަސައްކަތް ކުރައްވާ ވެރިއެއް އާޓްވޯކުން އެ ފެންނަނީ. ރައީސް ސޯލިހު ގެންދަވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރައްވަން މަސައްކަތް ކުރައްވަމުން. ޕްލާސްޓިކާ ދެކޮޅަށް ލީޑަރުން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ވެސް މިއިން އަންގައިދޭ" ސުވާލަށް ޖަވާބު ދެމުން ޝައްފާން ބުންޏެވެ.
ރައީސް ސޯލިހާއެކު އެ އާޓްވޯކުގެ ޒަރީއާއިން އޭނާ ފޯރުކޮށްދޭން ބޭނުންވާ މެސެޖު ވަރަށް މުހިންމެވެ. އެގޮތުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކަށް ޕްލާސްޓިކްގެ ނުރައްކާ އޮތް މިންވަރު އޭނާ ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވެއެވެ.
"ރާއްޖޭގެ 99 އިންސައްތަ އަކީ ކަނޑު. އަޅުގަނޑުމެންގެ ކަނޑުގެ އަޑީގައި މި ހުންނަނީ ހުސް ޕްލާސްޓިކް. އެހެންވީމަ، ޕްލާސްޓިކުން ރާއްޖެއަށް ވަރަށް ގެއްލުން ލިބޭކަން އަންގައިދޭން ބޭނުންވަނީ" ޝައްފާން ބުންޏެވެ.
ޝައްފާން ބުނިގޮތުގައި، ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށްވާއިރު އުކާލާ ޕްލާސްޓިކަކީ އެ ސިނާއަތަށް އެހެން ގޮތަކުން އެހީއަކަށް ވެދާނެ ކަމެކެވެ. އެއީ ތަފާތު ގޮތަކަށް އެފަދަ ކުނި ރީސައިކަލް ކޮށްގެންނެވެ.
އެގޮތުން ރަށުފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތުގައި އުކާލާ ޕްލާސްޓިކުން އުފައްދާ ސްކަލްޕްޗަރ ފަދަ ތަކެތި އެހީތެރިވެދޭނެ ކަމަށް ޝައްފާން ގަބޫލުކުރެއެވެ. އެކަމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ފަތުރުވެރިންނަށް ވެސް ވިސްނައިދީގެންނެވެ. ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވުމަށް އޭނާގެ ވިސްނުމަކީ މިއީއެވެ.
"ރާއްޖޭގައި ވެސް ވަރަށް ކްރިއޭޓިވް އާޓިސްޓުން އެބަތިބި. އެހާ ގިނަ ޕްލާސްޓިކް އުކާލާއިރު، އެ ބޭނުންކޮށްގެން ސަޅި އެއްޗެއް ހެދި ދާނެކަން އަންގައިދޭން ބޭނުންވީ. އުކާލާ ޕްލާސްޓިކް އާޓިސްޓުންނަށް ފޯރުކޮށްދީ، ފަންޑު ކޮށްދޭނެ ފަރާތެއް ބޭނުންވަނީ. އާޓިސްޓުންނަށް މި ވަސީލަތްތައް ލިބިއްޖެނަމަ ތަފާތު މަސައްކަތް ދައްކާނެ" ޝައްފާން ބުންޏެވެ.
ޝައްފާން ބުނީ ޕްލާސްޓިކުން އާޓް ވޯކް ހަދާ ޖޭމްސް ޕާކިންސްގެ މަސައްކަތްތަކުން އިންސްޕަޔަރ ވެގެން އޭނާ ހެދި އާޓްވޯކް ބޭރުގެ އެގްޒިބިޝަނަކުން ފެނުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ އާޓްވޯކަށް ލިބޭ އާމްދަނީގެ 60 އިންސައްތަ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތް ކުރާ އެންޖީއޯއަކަށް ދޭން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
އަންވެއިލިންގް ވިޝަންސް ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން ނެޝަނަލް އާޓް ގެލަރީގައި މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު ޝައްފާން ފަދަ ކުޅަދާނަ އެހެން ހުނަރުވެރި އާޓިސްޓުންގެ އާޓްވޯކްތައް ވެސް އެތަނުން ފެންނަ އެބަހުއްޓެވެ.