ރައްޔިތުންގެ މަޖިލިސް

އިމްރާން އިންޒާރުދިނުމާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކުރީ ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ މިރޭގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލަ ހުށަހެޅި ސަބަބެއް ކަމަށް މެންބަރު ސައީދު ވިދާޅުވީ، އިމްރާން އިންޒާރުދީ ފްރޭމްކޮށްފައިވާ ކަމަށް ލުތުފީ ވިދާޅުވި ނަމަވެސް އިމްރާން އެކަން ދޮގު ކުރައްވާފައި ނުވާތީ އާއި އިންޒާރުދީ، ފްރޭމްކޮށް ބިރުދެއްކުމަކީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުން ކުށްވެރިވާނެ ކަމަކަށްވާތީ ކަމަށެވެ.

އަދި އިމްރާންގެ އެ އަމަލަކީ ސިޔާސީ ވާދަވެރިން ގާނޫނީ އިމުގެ ބޭރުން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށާއި އެ އަމަލަކީ ޝަރީއަތްތަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މި އަމަލުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިތުބާރު ގެއްލި ޝަރުއީ ނިޒާމާއި ގާނޫނު އަސާސީގައި ބަޔާންކުރާ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލޭ ކަމަކަށްވާތީވެ،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވިއެވެ.