އަލީ ރިފްޝާން
ޖަރުމަނަށް 2014ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ޖެހި ގޯލާއެކު ގިނަ ބަޔަކު ބޮޑެތި އުންމީދުތަކެއް ކުރުމުން ކެރިޔަރުގައި ކުރިއަށްދާން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ ބުނެފިއެވެ.
ވޯލްޑް ކަޕް 2014ގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ޖެހި ގޯލާއެކު ގޮޓްޒޭއަށް އެ މެޗު ވެގެން ގޮސްފައިވަނީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މެޗަށެވެ. އެ ގޯލާއެކު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭނެ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ބެލެވުނެވެ.
އޭރު ބަޔާން މިއުނިކަށް ކުޅެމުންދިޔަ ގޮޓްޒޭ، ޑޯޓްމަންޑަށް ބަދަލުވުމަށްފަހު ފާއިތުވެދިޔަ އަހަރުތަކުގައި އޭނާއަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ގައުމީ ޓީމުން ފުރުސަތު ގެއްލުމެވެ. ގޮޓްޒޭ ގަބޫލުކުރާ ގޮތުގައި އޭނާއަށް ކުރިމަތިވި މައްސަލައަކީ މީހުން އޭނާއާ މެދު ކުރަމުންދިޔަ އުންމީދުތައް ބޮޑުވުމެވެ.
"އަހަރެންނަށް ފައިނަލުގައި ޖެހުނު ގޯލަށް ވުރެ، އުފާވެރި ކަމެއް ނެތް. އެކަމަކު އަހަރެންގެ ކެރިޔަރަށް އެކަމުން ވެގެންދިޔައީ އެންމެ ރަނގަޅު ގޮތެއް ނޫން. އެ އިހުސާސްތައް ބަދަލުވެގެންދިޔައީ ބޮޑެތި އުންމީދުތަކަކަށް. އެ ގޯލުގެ ސަބަބުން ހުރިހާ މެޗެއްގައި އަހަރެންގެ ފަރާތުން މުހިންމު ގޯލުތަކެއް ފެންނާނެ ކަމަށް މީހުން އުންމީދު ކުރި،" 'ދަ އެތުލެޓިކް'އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ގޮޓްޒޭ ބުނީ އިތުރު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވާދަކުރުމަކީ އުފާވެރި ކަމަކަށް ވެގެންދާނެ ކަމަށް ބެލެވުނު ކަމުގައި ވިޔަސް، މިވަގުތުގެ އެކަމަށް އުންމީދު ނުކުރާ ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދެނީ ޑޯޓްމަންޑާއެކު ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުން ކަމަށެވެ.