ބޮލީވުޑް

އައިޝްވަރިޔާގެ 45 ވަނަ އުފަންދުވަސް ފޮޓޯއިން

އައިޝްވަރިޔާގެ 45 ވަނަަ އުފަންދުވަސް ފާހަގަކުރީ އާއިލާ އާއި އެކީ ގޯއާ ގައެވެ. ބިއުޓީ ކްއީން އެކްޓްރެސް އައިޝް ވަނީ ފިރިމީހާ އަބީޝޭކް އަދި ދަރިފުޅު އަރާދްޔާ ބަޗަން އާ އެކު ހޭދަ ކުރި ވަގުތު ތަކުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

އިންސްޓަގްރާމްގައި ފޮޓޯތައް ހިއްސާ ކުރަމުން އައިޝް ވަނީ އޭނާގެ ފޭނުންނާއި އާއިލާ އަށް ޝުކުރު އަދާކޮށްފައެވެ.

އައިޝް ވަނީ ގޯއާ އަށް ފުރުމުގެ ކުރިންވެސް އާއިލާ އާ އެކީ ނަގާފައިވާ ސެލްފީއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

އަބީޝެކްވެސް ވަނީ އައިޝްއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އިންސްޓަގްރާމުގައި އެދެމީހުންގެ ލޯބި ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި އޭގައި "އުފާވެރި އުފަންދުވަހެއް، ވައިފް. ވަރަށް ލޯބިވޭ" ކެޕްޝަން އަކަށް ޖަހާފައި ވެއެވެ. ހޭޝްޓެގް ކޮށްފައިވަނީ "މައިހެޕީޕްލޭސް" އެވެ.

އަށް އަހަރު ފަހުން އައިޝް އަދި އަބީޝެކް އެކީގައި ފިލްމަކުން ފެނިގެންދާނެ ކަމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އަނުރާގް ކޭޝްޔަޕް ޕްރޮޑިއުސްކޮށް ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ ފިލްމް "ގުލާބް ޖާމުން" ގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެއެވެ. މި ޕަވާ ޖޯޑު ވަނީ 2010 ވަނަ އަހަރު ނެރުނު ފިލްމް ރާވަން ގައިވެސް އެކީގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން "ކުޗް ނާ ކަހޯ"، "ގުރޫ"، "އުމްރާއޯ ޖާން"، "ދޫމް 2" އަދި "ސަރްކާރް ރާޖް"ގައި ވެސް ވަނީ މިދެތަރިން އެކީގައި ވަނީ ހަރަކާތްތެރިވެފައެވެ.

އެންމެ ފަހުން އައިޝް ކުޅުނު ފިލްމަކީ އަނިލް ކަޕޫރް އަދި ރާޖްކުމާރު ރާއޯ އާ އެކީ ފިލްމް "ފަންނޭ ޚާން' އެވެ.