މާލޭ ސިޓީ ކައުންސިލް

މާލޭގައި އަނެއްކާވެސް ޓެކްސީ ސްޓޭންޑުތަކެއް ބަހައްޓަނީ

މަގުމަތިން ޓެކްސީ ނެގުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މާލޭގައި އަނެއްކާ ވެސް ޓެކްސީ ސްޓޭންޑުތަކެއް ބަހައްޓަން ފަށައިފިއެވެ.

ދެހާސް ސާދަވަނަ އަހަރު ވެސް ޓެކްސީ ސްޓޮޕް ނިޝާން ޖެހި ޓެކްސީ ސްޓޭންޑްތައް މާލޭގެ މަގުތަކުގައި ބެހެއްޓިއެވެ. އެއީ ޑިސެމްބަރު 2013 ވަނަ އަހަރު އަމަލު ކުރަން ފެށި ޓެކްސީ ގަވައިދާ ގުޅިގެންނެވެ. އެގޮތުން އޭރު މަޖީދީމަގާއި ބޮޑެތި ބައެއް މަގުތަކުގައި ޓެކްސީ ސްޓޭންޑުތައް ޓްރާންސްޕޯޓް މިނިސްޓްރީން ބެހެއްޓި ނަމަވެސް އާންމުންގެ ފަރާތުން އެކަމަށް މާބޮޑު އެއްބާރުލުމެއް ނުލިބެއެވެ.

''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ޓެކްސީ ސްޓޭންޑުތައް ބަހައްޓަން މިހާރު ފަށައި މާލޭގެ ތިން ސަރަހައްދެއްގައި ބޯޑު ހަރުކޮށްފައިވާ ކަމަށެވެ. އެއީ ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ކުރިމަތީ އެއް ބޯޑާއި ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގައި ދެ ބޯޑެވެ. އަދި އިތުރު ހަތް ސަރަހައްދެއްގައި ސްޓޭންޑް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، ޓެކްސީ ސްޓޭންޑުތައް ގާއިމް ކުރާން ފެށީ މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު މަގުތަކަކަށް ވުމުން، ޓެކްސީ ސްޓޭންޑް ތަކުން ކާރަށް އަރާ މީހުންނަށް ފަސޭހަކުރުމުގެ އިތުރުން މަގުގައި ދުއްވާ ފަރާތްތަކަށް ވެސް މަގުގައި ގިނައިރު މަޑު ނުކޮށް އުޅަނދު ދުއްވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި ޓެކްސީ ސްޓޭންޑުތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގެ މަގު ފަހިކޮށްދިނުމަށް ފުލުހުންނާއެކު މީހުން ހޭލުންތެރިކުރުވައި، ސްޓޭންޑް ހުންނަ ސަރަހައްދުތަކުގެ ތަރުތީބު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ޓެކްސީ ސްޓޭންޑުތައް ހަރުކުރަން ފަށާފައިވާއިރު، އުޅަނދު ފަހަރުން ތޮއްޖެހިފައިވާ މާލޭގައި އިތުރު ޕާކިން ޒޯންތައް ހެދުމަށް އެ ކައުންސިލުން ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ.

އެގޮތުން މާފަންނުއާގޭގެ ބައެއް ތަޅާލައި، އެ ތަނުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ހާއްސަ ޕާކިން ޒޯނެއް ހަދާފައިވާއިރު، އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދައި، އަމީނީމަގުގެ ބައެއްގައި ޕާކު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.