ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށް، ރާއްޖެ ގެނައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ފިއްލަވަން އުޅުއްވި މައްސަލާގައި ބަންދުގެ މުއްދަތު ޖަހަން މިއަދު ހަވީރު ކޯޓަށް ގެންދިއުމުންނެވެ.
އަދީބު ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރިއިރު، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފަހައްޓައި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.
ހައްޔަރުކޮށްގެން ރޭ ރާއްޖެ ގެނެސް ބަންދުގެ މުއްދަތު ޖަހަން ރޭ ދަންވަރު ވެސް އަދީބު ކޯޓަށް ހާޒިރުކުރިއެވެ. ނަމަވެސް އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކުރިއެވެ. ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރުމުން އަދީބު ފުރަތަމަ ގެންދިޔައީ އޭނާގެ ގެކޮޅަށެވެ.
ނަމަވެސް އިރުކޮޅެއް ނުވަނީސް އަނެއްކާވެސް އޭނާ ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވައިގެން ވަނީ ދޫނިދޫއަސް ގެންގޮސްފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އަދީބު ދެވަނަ ފަހަރަށް ހައްޔަރުކުރީ އޭނާ ހައްޔަރުކުރުމުގެ އެހެން އަމުރެއް ހޯދައިގެންނެވެ.