ރައްޔިތުންގެ މަޖިލިސް

މުއައްސަސާތަކަށް މެންބަރުން އައްްޔަން ކުރުމާއި، ވަކި ކުރުމަށް ހާއްސަ ކޮމިޓީއެއް

ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްްޔަން ކުރުމާއި، ވަކި ކުރުމަށް ހާއްސަ ކޮމިޓީއެއް އުފައްދާގޮތަށް ހަމަޖައްސައި މަޖިލީހުގެ ގަވާއިދަށް ބަދަލަ ގެންނަން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިސްނަވަމުން ގެންދަވާ ކަމަށް މަޖިލީހުގެ މިނިވަންމުއައްސަސާތަކާބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކުރުން އެ ކޮމިޓީން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރޮޒެއިނާ ވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްްޔަން ކުރުމާއި، ވަކި ކުރުމަށް މަޖިލީހުގެ ހާއްސަ ކޮމިޓީއެއް އުފެއްދެވުމަށް މަޖިލިސް ރައީސް ގެންގުޅުއްވާ ވިސްނުންފުޅު ކޮމިޓީގެ މެންބަރުންނާ ހއިްސާ ކުރައވައިފައެވެ.

އެ ހިޔާލުފުޅާ އެއްގޮތަށް މަޖިލީހުން ކަންތައް ނިންމަވާނީ، އެމްޑީޕީގެ ޕީޖީ ގްރޫޕާ މަޝްވަރާކުރެއްވުމަށްފަހު، މަޖިލީހަށް ހުށަހަޅައިގެން ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. މިހާތަނަށް މިނިވަން މުއައްސަސާތަކުގެ މަސައްކަތް މޮނިޓާކޮށް، އެ މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުންދޭން ޖެހޭ ކަންތައްތަަކަށް ރުހުން ދިނުމާއި، އެފަދަ މުއައްސަސާތަކުގެ މެންބަރުން ވަކިކުރަން މަޖިލީހަށް ފެންނަނަމަ އެކަންކަމާބެހޭ ގޮތުން ނިންމަންޖެހޭ ކަންތައްތައް ނިންމަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ހަަތަރުނަމެއް ފާހަގަ ކުރައްވާފައިވެއެވެ.

އެއީ:

1. ހުސައިން ފިޔާޒު މޫސާ

2. އަހުމަދު ފަޔާޒް

3. އަހުމަދު އާހިދް ރަޝީދު

4. ފާތިމަތު ސައުސަން

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި އިތުރު ފަސް ނަމެއްވެސް ހިމެނެއެވެ.