ސީޕީ މުހައްމަދު ހަމީދު

އަލިފާނުގެ ހާދިސާގައި ފުލުހުން ދެއްކި ނަމޫނާއަށް ސީޕީ ތައުރީފު ކުރައްވައިފި

ފަތޯނާ ފާއިޒު

އިއްޔެ މެންދުރު ހ. ޓެންސްޓަރ ގޭގެ ތިން ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ދައްކާފައިވާ ނަމޫނާއަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ތައުރީފު ކުރައްވައިފިއެވެ.

މިއަދު އިސްކަންދަރުކޮށީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ސީޕީ މުހައްމަދު ހަމީދު ދެއްކެވި ވާހަކައިގައި ފުލުހުންނަކީ އަބަދުވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތިބެންޖެހޭ ބައެއް ކަމަށާއި، އަބަދުވެސް ފުލުހުން ތިބެންވާނީ ރައްޔިތުންގެ ފުރާނަޔާއި މުދަލާއި ގެދޮރު ރައްކާތެރި ކުރުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފުލުހުން ދައްކައިދީފައިވާ ނަމޫނާ އުފަލާއެކު ބަލައިގަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް، އެފަދަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައިވެސް ފަސްނުޖެހި ކުރިއަށް ދިޔުމަށް ކޮމިޝަނަރު އޮފް ޕޮލިސް އެދިވަޑައިގެންނެވިއެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފުލުހުން ދައްކައިދިން ހިތްވަރާއި ނަމޫނާއަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާކަމަށްވެސް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވިއެވެ.