ސުޕްރީމް ކޯޓް

އަދީބު ބަނދުގައި ބަހައްޓަން އަމުރު ނުނެރުނީ، އޭރު ހުކުމް ތަންފީޒު ކުރަމުންދާތީ، ފަހުން އެކަމަށް އެދިފައެއްނުވޭ

އިބްރާހިމް ޒަކީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު، ބަންދުގައި ބެހެއްޓުމަށް އެދި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރު ނުނެރުނީ އޭރު އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

އަދީބު ޓަގްބޯޓެއްގައި ފިއްލަވަން އުޅުއްވި މައްސަލައިގައި، ސުޕްރީމް ކޯޓުން ބަންދުގެ އަމުރު ނެރެދިން ނަމަ އަދީބަށް ނުފިއްލެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާތީ، ރައްދު ދެއްވައި ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަށް ދައުލަތުން އެދުނީ އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ކަމަށްވާތީ އޭރު އެއީ ބޭނުންތެރިކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި ކޯޓު އަމުރެއް ނެރެފައި ނުވަނީ، އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނީ އަދީބު ބޭސްފަރުވާއަށް ވަޑައިގެން އުޅުއްވަނިކޮށް ކަމަށާއި އޭރު އަދީބަށް އެކޯޓަށް ހާޒިރުވެވެން ނެތްކަމަށްވެސް ބުނެފައިވެއެވެ.

އަދި ބަންދާ މެދު ޣައިރު ހާޒިރުގައި ގޮތެއް ކަނޑައެޅުމަކީ ޖިނާއީ އިޖުރާއަތާއި ހިލާފު ކަމެއް ކަމަށާއި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ބަންދުގެ މުއްދަތު ޖެހުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ބުނީ، ދައުލަތުން އެދުނު ދެވަނަ ކަންތައް ކަމަށްވާ އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އެކޯޓުން ނެރެދިނީ އެމައްސަލައިގައި އެދުނު ގޮތަށް އެއީ އެންމެ ރައްކާތެރި ފިޔަވަޅުކަމަށް އެ ކޯޓަށް ފެންނާތީ ކަމަށެވެ.

އަދީބުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ޕީޖީން އެކަން އެކޯޓަށް އަންގާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަދީބު މިނިވަންވެވަޑައިގަތް ފަހުން ދައުލަތުން އެމަނިކުފާނު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބު ފިއްލެވީ އޭނާ ބަންދު ކުރުމަށް ސުޕްރީމް ކޯޓުގެ އަމުރަކަށް އެދިފައިވަނިކޮށް ކަމަށް ބިޝާމް ވިދާޅުވުން އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.