ރައްޔިތުންގެ މަޖިލިސް

ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް މަސް ގަތުމަށް ހުއްދަދޭ ގަރާރު މަޖިލީހުން ފާސް ކޮށްފި

އިބްރާހިމް ޒަކީ

ބޭރުގެ ބޯޓު ފަހަރު ރާއްޖެއައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސް ކޮށްފިއެވެ.

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި މި ގަރާރުގައި، ދިވެހި މަސްވެރިން އަތުން މަސްގަތުމަށް ހަތަރު ފަރާތަކާއެކު މިހާރު ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އުވާލުމަށްވެސް ވަނީ ގޮވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާ އެކު އެވެ.

މި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ގިނަ އަދަދެއްގެ ދިވެހިން ހަރަކާތްތެރިވަމުން އަންނަ އިރު، އެ މަސައްކަތުގެ ސީދާ ނަފާ، ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައި ދިނުމުގެ މުުހިއްމުކަން ބޮޑުވެ، އެކަމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް މަސްވެރިކަމުގެ ވާދަވެރި މާހައުލެއް ގާއިމްކުރުން މުހިއްމު ކަމަށާއި، ދިވެހި މަސްވެރިން ބާނާ މަސް މެދުވެރިއެއް ނެތި ސީދާ ބޭރުގެ ފަރާތްތަކަށް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމުކަމެއް ކަމަށާއި، މަސްވެރިން ބާނާމަސް ގަންނަން ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައުމަށް ހުއްދަ ދިނުމަކީ މިހާރުން މިހާރަށް ކުރުން މުހިއްމުކަމެއް ކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ސަރުކާރުން، ދިވެހިން ބާނާ މަސްގަތުމަށް ހަތަރު ފަރާތަކާއެކު އެކްސްކްލޫސިވް އެގްރިމެންޓްތަކެއް ހަދާފައި ވާތީ އިތުރު ފަރާތްތަކަށް މަސް ގަތުމަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ހުއްދައެއް ދެވިފައި ނެތްކަންވެސް ގާރާރުގައި ފާހަގަކޮށްފައި ވެއެވެ.

މަސްގަންނަ ފަރާތްތައް އިތުރުވުމުން އެ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދި މަހަށް ލިބޭ އަގު ރަނގަޅުވާނޭ ކަމަށާއި، ބޭރުގެ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް މަސްގަތުމުގެ ފުރުސަތުދީ އެފަރާތްތައްވެސް އިތުރުކުރުން މުހިއްމުކަމަށް ގަރާރުގައި ހިމަނާފައިވެއެވެ.

ދިވެހި މަސްވެރިން އަތުން މަސްގަތުމަށް ހަތަރު ފަރާތަކާއެކު ވެފައިވާ އެއްބަސްވުންތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ބާތިލު ކުރުމަށް ގޮވާލައި މި ގަރާރުގައި ބުނެފައިވަނީ، ބޭރު ބޯޓު ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްގަތުމާގުޅޭ ގޮތުން އެނަލިސިސްއެއް ހަދައި އެފަދަ ފަރާތްތަކަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް މަސް ގަނެވޭނެ ގޮތްތައް ބަލައި އެ ފަރާތްތަކަށްވެސް މަސްގަނެވޭނެ މަގުފަހިކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަށާއި ފިޝަރީޒް މިނިސްޓްރީއަށް މަޖިލިސް މެންބަރުން އިލްތިމާސް ކުރައްވާ ކަމަށް ވެސް ގަރާރުގައި ކަނޑައަޅާފައިވެއެވެ.