ސުޕްރީމް ކޯޓް

އަދީބުގެ ހިޔާނާތުގެ އިސްތިއުނާފީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފި

ރޭ ފުލުން ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާ އަށް ތާވަލު ކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައިވަނީ، މާދަމާ ހެނދުނު 10:15 އަށެވެ.

މާދަމާގެ އަޑުއެހުމަށް ތާވަލު ކޮށްފައިވާ މައްސަލައަކީ، ޅ. މާބިންހުރާ، ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިޔަން ޑޮލަރު (77 މިލިއަން ރުފިޔާ)އަށް އަދީބު ހިޔާނާތްތެރިވި މައްސަލައެވެ.

މި މައްސަލައަކީ މީގެ ކުރިން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ އަދީބުގެ ފަރާތުން ހައިހޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ އަލުން އެ މައްސަލަ ބެލުމަށެވެ.

ދައުލަތުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ، ހައިކޯޓުގެ އަމުރާ އެއްގޮތަށް އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާފައި ނުވާތީއެވެ.