ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

އެންމެ ކުޑަ ހޭދަކޮށްގެން އިއާދަކުރެނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ރާއްޖެ ހެދުމަށް ޖާބިރު ގަރާރެއް ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތެއްގައި، ދުނިޔޭގެ އެންމެ ކުރީ ސަފުގައި ރާއްޖެއަކީ، އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ކުޑަ ހޭދައެއް ކުރާ ގައުމަކަށް ހެދުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅުއްވައި އެވެ.

ޖާބިރު ހުޑަހެޅުއްވި ގަރާރުގައި ވަނީ، އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ކުޑަ ހޭދައެއް ކުރާ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް މިހާރުން މިހާރަށް ހަދައި، އެ ގާނޫނުތައް ތަންފީޒު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

މި ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ހަކަތައިގެ ބާވަތްތަކަކީ، ޒަމާނުއްސުރެން ރާއްޖެއަށް އިމްޕޯޓް ކުރެވޭ ބާވަތްތައް ކަމަށް ވީހިނދު ރާއްޖެއަކީ ހަކަތައިގެ ބާވަތްތަކަށް ކުރާ ހޭދަ، އަހަރުން އަހަރަށް ބޮޑުވަމުންދާ ގައުމަކަށް ވީހިނދު، މި ކަމަށްޓަކައި ދައުލަތުން ކުރަމުންދާ ހޭދައަކީ ވެސް އެހާމެ ބޮޑު ހޭދައެއް ކަމަށެވެ.

"މިގޮތުން އިމްޕޯޓް ކުރެވޭ ހަކަތައިގެ ތެރޭގައި ހިމެނޭ 58 އިންސައްތަ އަކީ، ޑީސަލް ކަމާއި، 33 ސައްތައަކީ، ޖެޓް އޭވަން އޭވިއޭޝަން ގޭސް ކަމާއި، 07 އިން ސައްތައަކީ ޕެޓްރޯލް ކަމާއި 02 އިން ސައްތަ އެތެރެ ކުރެވެނީ، ގުދުރަތީ ގޭހުގެ ގޮތުގައިކަން ހިސާބުތަކުން ފެންނަން ހުރިކަން ފާހަގަ ކުރެވޭ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ކޮންމެ އަހަރަކު ރާއްޖެއަށް އިމްޕޯޓް ކުރެވޭ ހަކަތައިގެ ބާވަތްތަކުގެ އަދަދަކީ، ހަތް ލައްކަ މެޓްރިކް ކަމަށް ހިސާބުތަކުން ދައްކާއިރު، މިކަމަށް އެކަނި ދައުލަތުން ކުރާ ހޭދައަކީ އަހަރަކު 550 މިލިޔަން ޑޮލަރު ކަމަށެވެ.