މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރސީ)ގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމާ އެމަނިކުފާނު ހިލާފުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ އަދީބާ އެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް އެކުލަވާލިކަން ރޭ ދައުލަތުގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަދީބު ހައްޔަރުކޮށް، އެމަނިކުފާނުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ރޭގެ ވަގުތެއްގައި ހާޒިރު ކުރުމުން ފުލުހުން ވަނީ އަދީބު އެއްބަސްވުމާ ހިލާފަށް އަމަލު ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި އަދީބު ވަނީ ކުށްތަކަށް އިއުތިރާފުވެވަޑައިގެން އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދީބަށްވެސް ލުއިތަކެއް ދިނުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ. އޭގެތެރޭގައި، ވަކި މުއްދަތަކަށް ވުރެ ކުރު ހުކުމް އަންނަ ކުށްތަކުގައި ދައުވާ ނުކުރުން ހިމެނެއެވެ.
އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އެދިފައިވަނީ އެމަނިކުފާނު އެ އެެއްބަސްވުމާ ހިލާފުވެ، އަނެއްކާވެސް ފިއްލަވައިފާނެ ކަމުގެ ބިރު އޮތުމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ދައުވާ ނުކޮށް ދޫކޮށްލުމާއި އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމެއް ހެދިދާނެ އެވެ.
އަދީބުގެ ވަކީލު، މަހްފޫޒް ސައީދު މިއަދު ވިދާޅުވީ އެއްބަސްވުން ކުރިއަށް ގެންދަން އަދީބު ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ހުންނެވީ ތަހުގީގުގައި އަދިވެސް ފުލުހުންނަށް އެއްބާރުލުންދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދީބުގެ ބަންދުގެ މުއްދަތު ކޯޓުން ފުރަތަމަ އިތުރުކޮށެއް ނުދިނެވެ. އެއީ ފުލުހުންގެ ގާނޫނާ ޚިލާފަށް އަދީބު ހައްޔަރުކޮށްފައި ވުމުންނެވެ. އަދީބު، ރޭ 10:30 ހާއިރު ރާއްޖެ ގެނެސް އެމަނިކުފާނު ބަންދު ކުރުން ލަސްވީ، އެމަނިކުފާނު ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ރާއްޖޭގެ ގާނޫނާ ޚިލާފު ކަމަކަށް ވުމުންނެވެ. އަދި ފުލުހުން ވަނީ ކޯޓުގައި ވެސް އެކަމަށް އިއުތިރާފު ވެފައެވެ.
"ވާގޯ 9" ކިޔާ ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވަން އުޅުއްވަނިކޮށް އިންޑިއާގެ ޓަމިލްނާޑޫގެ ޓުޓިކޮރިން ކައިރިން އަދީބު ވަނީ ހިފަހައްޓައިފައެވެ. އޭރު ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ.
އިންޑިއާއިން އަދީބު ހިފެހެއްޓުމުން ގާނޫނީ ޓީމުން ވަނީ އެމަނިކުފާނަށް ބައިނަލް އަގުވާމީ ހިމާޔަތް ދިނުމަށް ވެސް އެދިފައެވެ. ނަމަވެސް އެ ފަދަ ހިމާޔަތެއް ދިނުމުގެ ބަދަލުގައި އިންޑިއާއިން ނިންމީ އަދީބު ދިވެހި ސަރުކާރާ ހަވާލުކުރާށެވެ.
އަދީބު އިންޑިއާއިން ހިފެހެއްޓިކަން މީޑިއާތަކަށް އެނގުނީ އެކަން އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އަދި މިއަދާ ހަމައަށް ވެސް ކަމާބެހޭ އިދާރާތަކުން އެކަމުގައި ސީދާ އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އަދީބު ފިއްލަވާފައިވަނީ ޅ. މާބިންހުރާ މައްސަލައިގައި އޭނާ ހައްޔަރުކޮށްދިނުމުގެ އަމުރަކަށް، ޖޫން މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވަނިކޮށް ކަމަށެވެ. އެ އަމުރު ނެރެދެއްވިނަމަ އަދީބަށް ފިއްލަވާވަޑައިނުގެންނެވުނީސް ކަމަށް ޕީޖީ ބިޝާމް ވިދާޅުވެފައިވެއެވެ.
ޅ. މާބިންހުރާގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންސުން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އަދި އިސްތިއުނާފު މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން އަދީބުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ވެސް ޕީޖީން އެދިވަޑައިގަތެވެ.
ޕީޖީން އެ ދެ އަމުރު ނެރެދޭން ސުޕްރީމް ކޯޓުގައި އެދުނުނަމަވެސް، އެ ކޯޓުން ނެރެދިނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު އެކަންޏެވެ.