އިބްރާހިމް ޒަކީ
ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ޣަފޫރު ޓަގެއްގައި ރާއްޖެ އިން ފިއްލެވަށް އުޅުއްވި މައްސަލައިގައި، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ފުލުުހުންގެ އިސް ވެރިން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އިދިކޮޅު، ޕީޕީއެމުން ގޮވާލައިފިއެވެ.
އަދީބު ފިއްލަވަން އުޅުއްވަނިކޮށް، ހައްޔަރުކޮށްގެން ގެނެސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ބަންދު ކުރުމަށް އަމުރު ނެރެދެވެން ނެތް ކަމަށް، ކޯޓުން ފުރަތަމަ ނިންމުމާ ގުޅިގެން، ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެން ބަހުސްފައި، ސަރުކާރު ފެއިލްވެފައިވާކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ފުލުހުންގެ އިސްވެރިން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ގޮވައިލެއްވީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމު ވިދާޅުވީ، އަދީބު ފިލަން އުޅުނު މައްސަލައިގައި އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އެހާ ފަސޭހައިން އަދީބު ފިއްލެވުމަށް އުޅުއްވި މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ރަށު ބަންދުގައި ހުންނަވަނިކޮށް، އެހާ ފަސޭހައިން އަދީބު ފިއްލަވަން އުޅުއްވި އިރު، ފުލުހުންގެ އިންޓެލިޖެންސް ކޮބައިތޯ ޝިޔާމު ސުވާލު ކުރެއްވިއެވެ.
"އެހާ ފަސޭހައިން ފިއްލެވޭއިރު، ޕޮލިސް އިންޓެލިޖެންސް ކޮބައިތޯ؟ ހޯމް މިނިސްޓަރު ކޮބައިތޯ؟ އަޅުގަނޑު މިހިނދުން މިހިނދަށް ގޮވާލަން ހޯމް މިނިސްޓަރު މިހާރުން މިހާރަށް ފުލުހުންގެ މުއައްސަސާގައި ތިއްބެވި ބޮޑެތި ބޭފުޅުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވަނީ އަދީބުގެ މައްސަލައިގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ.
އެގޮތުން އަދީބަކީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރަމުން އަންނަ މަލީ ލޯންޑާ ކުރުމުގެ ދައުވާގެ ހެއްކެއް ކަމަށާއި، އެ މައްސަލައިގައި ސަރުކާރުން އަދީބުގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ގެންދާކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމް ތުހުމަތު ކުރެއްވި ގޮތުގައި އަދީބުގެ ފުރާނައަށް ނުރައްކާ ކޮށްގެން ސަރުކާރުން މަސްކަތް ކުރަނީ ޔާމީންގެ މައްސަލައާގުޅޭ ބަޔާނެއް ނެގުމަށެވެ.
އެ މައްސަލައިގެ މައުލޫމާތު އަދީބުގެ ވަކީލުން ދެއްވާފައިވާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.