ސައުތު އޭޝިއަން ޓްރަވެލް އެވޯޑްސް(ސަޓާ)ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ވަންއޮންލައިނުން ސަޓާއާއެކު ސޮއިކޮށްފައިވަނީ އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ވަންއޮންލައިންގެ ފަރާތުން ސޮއިކުރެއްވީ، ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު) އެވެ. ސަޓާގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މުހައްމަދު ޝާމިންއެވެ. މި ރަސްމިއްޔާތުގައި ސަޓާއިން ވަނީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުގެ މީޑިއާ ޕާޓްނަރުންނާއެކު ވެސް ސޮއިކޮށްފައެވެ.
ވަންއޮންލައިންގެ އިތުރުން، ސަޓާއާއެކު ސޮއިކުރި ރާއްޖޭގެ މީޑިއާ ޕާޓްނަރުން:
ޓްރަވެލް ނިއުސް ޕާޓްނަރު: މޯލްޑިވްސް އިންސައިޑަރ
ޓެބްލޮއިޑް ޕާޓްނަރު: ދި އައިލެންޑް ޗީފް
ބިޒްނަސް ނިއުސް ޕާޓްނަރު: މޯލްޑިވްސް ބިޒްނަސް ރިވިޔު
ފޮޓޯގްރަފީ ޕާޓްނަރު: ޑިޖިޓަލް ސްޓޫޑިއޯ
މިއަހަރުގެ ސަޓާ އެވޯޑްސް ބޭއްވުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރުމަހުގެ 19 އަދި 20 ވަނަ ދުވަހު އަމަރީ ގައްލެ ސްރީލަންކާ ހޮޓަލުގައެވެ. ސަޓާ އެވޯޑްސް ހާސިލު ކުރާ ފަރާތްތަކަށް އެވޯޑު ދިނުން އޮންނާނީ 20 ވަނަ ދުވަހުގެ ރޭ އޮންނަ ގާލާ އިވެންޓުގައެވެ.
ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. 2017 ވަނަ އަހަރު އެވޯޑް ހަފުލާ އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަފުލާ ބާއްވާފައިވަނީ އިންޑިއާގެ މުމްބާއީގައެވެ. މިއީ ސަޓާ އެވޯޑް ބާއްވާ ހަތަރު ވަނަ އަހަރެވެ.
ސަޓާ އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި، އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ދޭން ފެށި އެވޯޑެވެ. އަދި މި އެވޯޑަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން އެންޑޯޒް ކޮށްފައިވާ އެވޯޑުވެސް މެއެވެ.
ސަޓާ އެވޯޑްސް 2019 ތައާރަފު ކުރުމުގެ އިވެންޓް މިދިޔަ މަހު ސްރީލަންކާގައި ވަނީ ބާއްވާފައެވެ. އެ އިވެންޓުގައި ސަޓާގެ ބައިވެރިންނާއި މުހިންމު ސްޕޮންސަރުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ސަަޓާ އެވޯޑަށް 500 އަށްވުރެ ގިނަ ފަރާތް ނޮމިނޭޓް ވެފައިވެއެވެ. ސަޓާގެ ހަތަރު ވަނަ އެވޯޑްސް މިއަހަރު ބާއްވާއިރު، މި އެވޯޑްސްގައި ބައިވެރިވަނީ ހަ މަންޒިލަކުންނެވެ.
އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްއެވެ. 17 އަށްވުރެ ގިނަ ޓްރަވެލް އިންޑަސްޓްރީގެ އޮގަނައިޒޭޝަންތަކުން ސަޓާ އެވޯޑް އެންޑޯސްކޮށްފައިވާއިރު، ފާއިތުވި ހަތަރު އަހަރު ސަޓާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ.