ރައްޔިތުންގެ މަޖިލިސް

އީދު ޗުއްޓީ އަންނާތީ ކުރިއަށްއޮތް ތިން ދުވަހު މަޖިލިސް ޖަލްސާތައް ރޭގަނޑުވެސް ބާއްވަނީ

އިބްރާހިމް ޒަކީ

ކުރިއަށް އޮތީ އީދު ޗުއްޓީކަމުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރޭގަނޑުވެސް ކުރިޔަށް ގެންދަން ނިންމައި، ކުރިއަށް އޮތް ތިން ދުވަހުގެ ރޭގަނޑުވެސް މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން އަންގަން ޖެހޭ ކަންކަން އަންގަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީދު ޗުއްޓީއަށް ދިއުމުގެ ކުރީގައި މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ބޮޑަށް ނިންމުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނުނިންމޭ ކަމަށްވާނަމަ ކުރިޔަށް އޮތް ތިންދުވަހު، ރޭގަނޑުވެސް ޖަލްސާތައް ބާއްވަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލިސް ރައީސް ވިދާޅުވީ، ރޭގަނޑު ޖަލްސާތައް ބޭއްވުމުގެ ބޭނުމަކީ އީދު ޗުއްޓީއަށް ދާއިރު އެޖެންޑާ ތޮއްޖެހިފައި އޮތަ ނުދިނުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް 17 ކަމެއް ވަނީ އެޖެންޑާ ކޮށްފައެވެ.

އޭގެ ތެރޭގައި މަޖިލީހަށް ތައާރަފުކުރާ ބިލު ތަކާއި، ކޮމިޓީތަކުން ހުށަހަޅާފައިވާ މަސައްކަތްތަކުގެ އިތުރުން، މެންބަރުން ހުށަހަޅުއްވާފައިވާ ބައެއް ގަރާރުތައް ހިމެނެއެވެ.