ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނެއްކާވެސް ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފި އެވެ.
ރޭ 1030 ހާ އިރު، އަދީބު ރާއްޖެ އަށް ގެނައީ، ސިފައިންގެ ބެލުމުގެ ދަށުން ކޯސްޓްގާޑުގެ ހުރަވީ ގަ އެވެ. މާލެ އަށް ގެނައީ ފުލުހުންގެ ލޯންޗެއްގަ އެވެ.
އަދީބު މާލެ އަށް ގެނެސް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައި ވަނީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އަދީދު ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
ދޫކޮށްލުމަށް އަމުރުކުރުމުން ފުލުހުން ވަނީ އަދީބު ގޮވައިގެން ޕޮލިސް ހެޑް ކުއާޓަރަށް ގޮސްފަ އެވެ. އަދި ފުލުހުންގެ ވެހިކަލެއްގައި އަދީބު ގޮވައިގެން ފުލުހުންގެ ވެހިކަލެއް ނައްޓާލި އެވެ. ނަމަވެސް އެ ވެހިކަލް އަދީބުގެ ގެޔަށް ދިޔައީ އިރުގަނޑެއް ފަހުންނެވެ. އެ ދެމެދުގައި ފުލުހުންގެ ވެހިކަލް ވަނީ ނޫސްވެރީންނަށް ވެސް ގެއްލިފަ އެވެ. އަދީބު ގޮވައިގެން ޕޮލިސް ހެޑްކުއާޓަރުން ނައްޓާލައިގެން ގޮސް ފުލުހުންގެ ވެހިކަލް ވަނީ "ވަން ވޭ" އަކުން ކަމުން ނޫސްވެރީން ދިޔައީ އެންމެ ކައިރީން ދެން ދެވެން އޮންނަ މަގުންނެވެ. ނޫސްވެރީންނަށް ފުލުހުންގެ ވެހިކަލް ގެއްލުނީ އެހެންވެ އެވެ.
ނޫސްވެރީން މާލޭ ޖަލާއި އަދީބުގެ ގެ ބެލި އިރު އެތަނަށް ފުލުހުންގެ ވެހިކަލެއް ނުދެ އެވެ. އަދީބު ގޮވައިގެން ދިޔަ ފުލުހުންގެ ވެހިކަލް އަދީބު ގޭ ކައިރިޔަށް ކައިރި ކުރީ އޭގެ ދެގަޑިއެއްހާއިރު ފަހުންނެވެ. އެތަނުން އަދީބު ގެޔަށް ވެއްދުމަށް ފަހު، އެތަނުގައި ފުލުހުންގެ ވެހިކަލް މަޑުކުރި އެވެ.
މީޑިއާއަށް ހީވީ ކޯޓުން އަދީބު ދޫކޮށްލުމުން ގެޔަށް ގެންދިޔައީ ކަމަށެވެ. އެހެން ނަމަވެސް އިރުކޮޅަކުން ފެނުނީ ފުލުހުންގެ ވެހިކަލަށް އަދީބު އަރުވައިގެން އަނެއްކާވެސް ނައްޓައިލިތަނެވެ. މި ފަހަރު ގެންދިޔަ ގޮތަށް ގޮސް އެއް ނަންބަރު ފާލަން ކައިރިން ފުލުހުންގެ ލޯންޗަކަށެވެ. އަދި އަދީބު ގެންދިޔައީ ދޫނިދޫއަށެވެ.
އެނގިފައިވާ ގޮތުގައި، އިންޑިއާގެ ޓަގުގައި ހުއްޓައި އަދީބު ހައްޔަރުކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައެޅުމުން ފުލުހުން އަދީބު އަލުން ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީ ހައްޔަރުކުރުމުގެ އެހެން އަމުރެއް ނެރެގެންނެވެ. އެއީ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި ރާއްޖޭން ފުރައިގެން ދިޔަ މައްސަލައިގަ އެވެ.
އަދީބު ގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އޭނާ ރާއްޖޭން ފުރައިގެން ދިޔައީ އިންޑިއާއަށް ދަތުރުކުރި ޓަގު ބޯޓެއްގަ އެވެ. އެހެން ނަމަވެސް އެއްވެސް ގައުމަކަށް އެތެރެ ނުވެވެނީސް، އޭނާ އެ ބޯޓުގައި ހުރިކަން އޭގައި އުޅޭ އިންޑިއާ ފަޅުވެރިޔަކު ރިޕޯޓުކުރުމާ ގުޅިގެން އިންޑިއާގެ ސަލާމަތީ ބާރުތަކުން އެ ބޯޓަށް އަރައި އަދީބު އެމީހުންގެ ބެލުމުގެ ދަށަަށް ގެނައެވެ. އެއީ އިންޑިއާގެ ޓުއްޓުކޮރިން ބަނދަރުގައި އޮއްވަ އެވެ.
އެހާ ހިސާބުން، ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިއްޔެރޭ ދަންވަރު ގޮސް އަދީބާ ހަވާލުވަންދެން އޭނާ ބަހައްޓާފައި ހުރީ އެ ޓަގު ބޯޓުގަ އެވެ. އޭގެ ވަށައިގެން އިންޑިއާގެ ސިފައިން ދިޔައީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.