ބޮލީވުޑް

މަނީޝާ ގެ އެންމެ ފޭވަރިޓް ފިލްމަކީ ދިލްސޭ

މަނީޝާ ކޮއިރާލާ އަކީ 28 އަހަރު ދުވަސް ވަންދެން ފިލްމު އިންޑަސްޓްރީގައި ފިޔަޖަހަމުން ދިޔަ ތަރިއެކެވެ. އޭނާ ވަނީ ހިންދީ، ޓެމިލް، ޓެލިނގޫ، މަލަޔާޅަމް، ބެންގާލީ އަދި ކަންނަޑާގެ ފިލްމުތައްވެސް ކުޅެފައެވެ.

އެންމެ ފަހުން މަނީޝާ ފެނިގެން ގޮސްފައިވަނީ ފިލްމު "ސަންޖޫ" އިންނެވެ. އަދި "99 ސޯންގްސް" ކިޔާ ފިލްމަކުން ވަރަށް އަވަހަށް މަނީޝާ ފެނިގެން ދާނެ ކަމަށް އެވެ.

އެހާ ދިގު މުއްދަތަކަށް ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވެފައިވާ މަނީޝާގެ އެންމެ ފޭވަރިޓް ފިލްމަކީ ކޮބައިތޯވެސް އެނގެން ބޭނުންވާނެ މީހުން މަދެއް ނޫނެވެ. އެސުވާލަށް މަނީޝާ މިވަނީ ޖަވާބު ދީފައެވެ.

މަނީޝާގެ އިންސްޓަގްރާމުގައި ވާ ގޮތުން އޭނާއަށް ކުޅުނު ހުރިހާ ފިލްމުތަކެއްވެސް ހާއްސައެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ހާއްސަ އެއް ފިލްމަކީ 1998 ގައި ރިލީސްކުރި ފިމްލު "ދިލްސޭ" އެވެ.

މަނި ރަތުނަމް ޑައިރެކްޓް ކޮށްފައިވާ އެ ފިލްމަކީ ލޯބީގެ ތްރިލާއެކެވެ. ފިލްމުގައި މަނީޝާ ކުޅެފައިވަނީ ސުއިސައިޑް ބޮމާއެއްގެ ރޯލެވެ. އެ ފިލްމުގައި މަނީޝާއާ އެކު ލީޑްރޯލުން ފެނިގެން ދަނީ ޝާހުރުކް ޚާންއެވެ.

މަނީޝާގެ ފޭވަރިޓް ފިލްމަށް ދިލްސޭ ވެގެން ގޮސްފައިވިނަމަވެސް މީގެ ކުރިން އޭނާ ވަނީ 80 އަދި 90ގެ އަހަރުތަކުގެ ފިލްމުތައް އޭނާއަށް އެހާ ކަމުނުދާކަމަށް ބުނެފައެވެ.