އިންޑިއާގެ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވާސިޓީން މާސްޓާޒް އޮފް ޓޫރިޒަަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ކިޔެވި ދިވެހި ދަރިވަރަކަށް ފަހުރުވެރި އެއްވަނަ އަދި ރަން މެޑަލް ލިބިއްޖެއެވެ.
މައުމޫން ފައުންޑޭޝަނުގެ ފަރާތުން ލިބުނު ސްކޮލަރޝިޕެއްގައި ގާޑެން ޔުނިވަސީޓީގައި ތައުލީމު ހާސިިލު ކުރި އައިޝަތް ޒިލްމާ، 28 (އާލަ) ކޯހުން އެއްވަނަ އަދި ރަންމެޑަލް ހޯދުމުން، މައުމޫން ފައުންޑޭޝަނުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައި، އޭނާއަށްޓަކައި ފަހުރުވެރިވާ ކަމަށް ބުނެފައެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އާލަ ބުނީ އޭނާއަށް ލިބުނު ރަން ވަނައާއެކު އޭނާއަށް ރާއްޖެއިން ބޭރުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެނާ މަސައްކަތް ކުރާނީ ރާއްޖޭގައި ކަމަށް އާލާ ބުންޏެވެ.
އާލަ ވަނީ އޭލެވަލް ނިންމުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަދި އޭވިއޭޝަން ދާއިރާގައިވެސް މަސައްކަތް ކޮށްފައެވެ. އަދި އޭނާ ވަނީ 2013 ވަނަ އަހަރު ވަނަ އަހަރު ޓޫރިޒަމް އެންޑް ރެކްރިއޭޝަން ދާއިރާއިން މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައެވެ.