އަހްމަދު އަދީބު އަބްދުލްގަފޫރު

މުއްދަތު ޖަހަން އަދީބު ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކުރި އިރު، އޭނާގެ ބަންދުގެ މުއްދަތު މަޖިލީހަށް ނަން ނޯޓު ކުރަން ވެސް ހުޅުވާލިއެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފެހެއްޓި އަދީބު، ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

އަދީބު މާލެ ގެނައުމަށްފަހު ފުރަތަމަ ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޝަހީދު ހުސެއިން ބިލްޑިންގަށެވެ. އަދީބު ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންގޮސްފައިވަނީ އެތަނަށް ހާޒިރުކުރުމަށްފަހުއެވެ.

އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ ރާއްޖޭގައި އަދީބަށް ނުރައްކާ އޮތްކަމަށް ބުނެ، އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އެގައުމުން އެމަނިކުފާނަށް ހިމާޔަތް ނުދީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް އަދީބު ހައްޔަރުކޮށް އަނބުރާ ރާއްޖެ ގެންނަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޓެންޝަނަށް ހުށަހަޅާނެ ކަމަށް އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން މިއަދު ވަނީ ބުނެފައެވެ.

އަދީބު މާލެ ގެނެސް ދޫނިދޫއަށް ގެންދަން ހަމަޖެހިފައިވާއިރު، ފުލުހުން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަދީބު ފިއްލެވުމަށް އެހީވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.