އަލީ ރިފްޝާން
ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދައިފިއެވެ.
އިންޑިއާގައި ކުރިއަށްދާ އެ މުބާރާތުގައި އިންޑިއާގެ ބަރާތު 2 އާއި ރާއްޖެ ކުޅުނު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
އެ މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ ވަސްމީ ނަސީމެވެ. އިންޑިއާގެ ބާރަތު 2އާ ދެކޮޅަށް ކުޅުނު އެ މެޗުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.
އިއްޔެ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި ރާއްޖޭގެ އިތުރުން ދިހަ ޓީމެއް ވާދަކުރެއެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނެނީ ބާރަތު 2 އާއި އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާއާއެކު 'ގްރޫޕު އޭ'ގައެވެ.
އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވެސް ވަނީ މިއަދު މެޗެއް ކުޅެފައެވެ. ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ އަތުން ރާއްޖެ ބަލިވީ 6-0ގެ ނަތީޖާއަކުންނެވެ. މިއަދު އަންހެން ޓީމު ކުޅުނު ދެވަނަ މެޗުގައި އިންޑިއާގެ ބާރަތު އަތުން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ހިމެނެނީ ރަޝިއާ އާއި ބާރަތު އަދި މެލޭޝިއާއެކު 'ގްރޫޕު އޭ'ގައެވެ. އަންހެން ބައިގައި ޖުމްލަ އަށް ޓީމު ވާދަކުރެއެވެ.