ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން މާލެ ގެނެސްފިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފެހެއްޓި އަދީބު، ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެސްފައިވަނީ މީގެ ކުޑަ އިރުކޮޅެއް ފަހުންނެވެ.
އަދީބު މިހާރު ހުންނެވީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން ބިލްޑިންގ ގައެވެ. އެނގިފައިވާ ގޮތުގައި އަދީބު ދެން ގެންދާނީ ދޫނިދޫއަށެވެ.
އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ ރާއްޖޭގައި އަދީބަށް ނުރައްކާ އޮތްކަމަށް ބުނެ، އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އެގައުމުން އެމަނިކުފާނަށް ހިމާޔަތް ނުދީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.
ނަމަވެސް އަދީބު ހައްޔަރުކޮށް އަނބުރާ ރާއްޖެ ގެންނަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޓެންޝަނަށް ހުށަހަޅާނެ ކަމަށް އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން މިއަދު ވަނީ ބުނެފައެވެ.
އަދީބު މާލެ ގެނެސް ދޫނިދޫއަށް ގެންދަން ހަމަޖެހިފައިވާއިރު، ފުލުހުން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަދީބު ފިއްލެވުމަށް އެހީވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.