ޝާހްރުކް ހާން އޭނާގެ އާއިލާއާއެކު ދާދި ފަހުން ރާއްޖެ އައިކަން ނޭނގޭ ދިވެއްސަކު ހުންނާނެހެނެއް ހީއެއް ނުވެއެވެ.
ރާއްޖޭގައި އޭނާގެ އެތައް ހާސް ފޭނުންނެއް އެބަތިއްބެވެ. ޝާހު ރާއްޖެއަށް ކުރި ދަތުރުގައި ބައެއް ދިވެހި ސަޕޯޓަރުންނާ ބައްދަލުކުރުމަށްފަހު ފުރައިގެން ދިޔައީ ރާއްޖޭގައި ތިބި އޭނާގެ ފޭނުން ދެކެ ލޯބިވާ ކަމަށާއި އެންމެން ވަަރަށް މިސްވާނެ ކަމަށްވެސް ބުނަމުންނެވެ.
ޝާހުގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ޖުމެއިރާ ވިޓަވެލި ރިސޯޓްގައެވެ. އޭނާއާއި އާއިލާގެ އެހެން މެންބަރުން ރާއްޖޭގެ ރީތި މަންޒަރުތައް ފޮޓޯ ނަގާފައިވާ އިރު، އެ ދަތުރުގެ އާ ފޮޓޯތައް އަދިވެސް އަންނަނީ އިންޓަނެޓް ހިސޯރު ކުރަމުންނެވެ.
އެގޮތުން ޝާހު އޭނާގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ ހާންއާ އެކީގައި ފެންނަ މި ފޮޓޯއަށް އިންޓަނެޓްގެ ސަމާލުކަން ވަނީ ލިބިފައެވެ. ފޮޓޯގައި ސުހާނާ ފެންނަނީ ގޮނޑުދޮށުގައި ހުރެގެން ފޮޓޯއެއް ނަގަނިކޮށެވެ. ކައިރީގައި ބައްޕަ ޝާހު ހުރީ ސުހާނާ ފޮޓޯ ނަގަން ހުރި މަންޒަރަށް ބަލަހައްޓައިގެންނެވެ.
ޝާހުއާއި އޭނާގެ އަންހެން ދަރިފުޅު ރާއްޖޭގައި ނެގި ފޮޓޯ ވައިރަލްވެފައިވާ އިރު، މީގެ ދުވަސްކޮޅެއް ކުރިން ޝާހުއާއި އޭނާގެ ފިރިހެން ދަރިފުޅު އަބްރާމް ރާއްޖޭގައި ޖެޓްސްކީ ދުއްވާ ވީޑިއޯއެއްވެސް ވަނީ ވައިރަލްވެފައެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރަން އެންމެ ގިނައިން އަންނަ މަންޒިލަކަށް ރާއްޖެ ވަނީ ވެފައެވެ. އެ ތަރިން އައިސް މީސްމީޑިއާއަށް ދޫކޮށްލާ ފޮޓޯތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ރާއްޖެއަށް އަންނަނީ ލިބެމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް ބަލާ އިރު، ދެވަނައަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ވެސް ބޮލީވުޑްގެ ގިނަ ތަރިން ނިސްބަތްވާ އިންޑިއާއިންކަން ފާހަގަކޮށްލެވެއެވެ.