ބޮލީވުޑް

ޒީރޯގެ ޓްރައިލަރ ރިލީސްކޮށްފި، ފިލްމް ސަޅި ވާނެ

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމް ޒީރޯ ގެ ޓްރެއިލަރ މިއަދު ރިލީސްކޮށްފިއެވެ.

ބޮލީވުޑްގެ ކިންގް ޝާޚް އަދި މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރުމާ ލީޑުރޯލުން ފެނިގެން ދާ ޒީރޯގެ ޓްރެއިލަރ ރިލީސް ކުރީ ޝާހުގެ 53 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

ފިލްމްގެ ނަންވެސް ރިލީސްކޮށްފައި ވަނީ ޝާހު އަމިއްލަ އަށް އޭނާގެ އޮޕިޝަލް ޓުއިޓާގައެވެ. ޝާހު ކޮށްފައިވާ ޕޯސްޓް ގައި ބުނެފައި ވަނީ "ވައުދު ކުރި ގޮތަށް އާނަންދް ރާއީގެ ފިލްމުގެ ޓައިޓަލް މިއީ ކަމަށް" ށެވެ. ފިލްމްގެ ޓީޒާވެސް މިދިޔަ އީދުގައި ރިލީސް ކުރީ ޝާހު އެވެ.

ޒީރޯގެ ޓައިޓަލް ރިލީސްކުރި ވީޑިއޯ

މި ފިލްމްގެ ޓީޒާގައި ބޮލީވުޑްގެ ދެ ސުޕަސްޓާރުން އެކީ ފެނިގެން ދިޔުމުން ވެގެން ގޮސްފައި ވަނީ ފިލްމް ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވި ކަމަކަށެވެ.

ޒީރޯގެ ޓީޒާ

ޓްރެއިލަރ އިން ފެނިގެން ދަނީ ބޮލީވުޑްގެ ބާދްޝާ ޝާހު، ބައު ސިންގް ކިޔާ އިސްކޮޅުން ކުރު ރޯލަކުންނެވެ. އޭނާ އަކީ ގިނަ ޗެލެންޖްތަކެއް ދިމާވާ، ޗާމިން އަދި މަޖާ މިޒާޖެއްގެ ނަމަވެސް ކުޑަކޮށް ރުޅިގަދަ މީހެއްގެ ގޮތުގައެވެ. ތިނެސްކަން ލޯބީގެ މި ފިލްމްގައި ދެން ފެނިގެން ދަނި ޝާހު، އަނުޝްކާ އަދި ކެޓްރީނާ އާ ދިމާވެގެން އުފެދޭ ގުޅުންތަކުގެ ދާސްތާން އެވެ. އަނުޝްކާގެ ވެސް މުޅިން ތަފާތު ކެރެކްޓަރެއް މިފިލްމްގައި ފެނިގެންދެއެވެ. އެގޮތުން އަނުޝްކާ ފެންނަނީ ނުކުޅެދޭ މީހެއްގެ ގޮތުގައެވެ.

ޒީރޯގެ ޓްރެއިލާ

ބޮލީވުޑްގެ ގިނަ ބަޔަކަށް ހާއްސަ ސްކްރީނިންއެއްގައި ފިލްމްގެ ޓްރެއިލަރ ދައްކާލާފައިވާއިރު ގިނަ ބަޔަކު އަންނަނީ ފިލްމަށް ތައުރީފު ކުރަމުންނެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ޓުއިޓާ ގައި ފިލްމް އަކީ ބްލޮކްބަސްޓާ އަކަށް ވާނެ ކަމަށް ވަނީ ބުނެފައެވެ. ފިލްމްގައި ޝާހުގެ ކެރެކްޓާވެސް ވަރަށް އިންސްޕްޔަރިން ކަމަށާއި އަނުޝްކާގެ ވެސް ފެނިގެން ދަނީ ވަރަށް މޮޅަށް ކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި ކެޓްރީނާގެ ފުރަތަމަ ޝޮޓް ޓްރެއިލާގައި ފެންނަ ތަނުން އެކަނިވެސް ފިލްމްގައި އޭނާގެ އިމްޕެކްޓް ފެނިގެން ހިނގައްޖެކަމަށް ކަރަން ބުނެފައިވެއެވެ.

ފިލްމް ޒީރޯ ރިލީސް ކުރަނީ ޑިސެމްބަރު 21 ގައެވެ.