އަލީ ރިފްޝާން
ރާއްޖޭގައި ޓެނިސް ކުޅޭތާ 50 އަހަރު ފުރި، ގައުމީ ފެންވަރުގައި ޓެނިސް މުބާރާތްތައް އިންތިޒާމު ކުރެވޭތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޓެނިސް ޓީމް މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޓީމް ކޮކާ އުމަރު ހޯދައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި އެންމެ ކާމިޔާބު ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ދެ ބައިގެ ޗެމްޕިއަންކަން ހޯދި ކޮކާ އުމަރު ޓީމެވެ. އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޭޑީކޭ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލެވެ.
އެ މުބާރާތުގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ޓީމް ކޮކާ އުމަރު ހޯދި އިރު، އެ ބައިގެ ރަނަރަޕްކަން ހޯދީ ޓީމް މިހެދޭއެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން ޓީމް ކޮކާ އުމަރު ހޯދި އިރު، އެ ބައިގެ ރަނަރަޕްކަން ހޯދީ ޓީމް އޭސްއެވެ.
އެ މުބާރާތުގައި 12 ޓީމު ވާދަކުރިއެވެ. އެއީ ޖޫނިއާ ހަ ޓީމާއި ސީނިއާ ހަ ޓީމެވެ. ޓެނިސް ކުޅޭ އެކި އުމުރުފުރާގެ ކުޅުންތެރިން ހިމަނައިގެން ބޭއްވި އެ މުބާރާތުގައި ވާދަކޮށްފައިވަނީ އުމުރުން އަށް އަހަރުން ދަށުން ފެށިގެން 65 އަހަރުގެ މަތީ އުމުރުފުރައިގެ ކުޅުންތެރިންނެވެ.
އެ މުބާރާތުގައި ވާދާކުރާ ޓީމުތަކަށް ނަންދެވިފައިވަނީ ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ނަން މަޝްހޫރު ކުޅުންތެރިންގެ ނަންތަކުންނެވެ. އެގޮތުން ޓީމުތަކަށް ނަންދެވިފައިވަނީ ޓީމް ހިތްވަރު، ޓީމް ހުރާބޭ، ޓީމް މޮހެދޭ، ޓީމް ކޮކާ އުމަރު، ޓީމް އޭސް އަދި ޓީމް ޞައްޔިދެވެ.