އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭގޮތުން، މަނީ ލޯންޑާ ކުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓުގައި އެއް މިލިޔަން ޑޮލަރު ހުރި މައްސަލައިގައި، އެސްކްރޯ އެކައުންޓުގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ މާޗް މަހަށް ހަމަވީ އިރުވެސް، އެ އެގްރީމްނެޓްގައިވާ ގޮތަށް އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނިންމިފައިނުވާ ކަމަށް އެ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށްކުރާ، މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގެ ދައުވާގެ، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްދިޔައީ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅަންޖހޭ ހެކި ހުށަހެޅުމެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން މިއަދު ވަނީ ތިން ހެއްކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކިތާބީ ހެއްކާއި އެއް ޝަފައީ ހެއްކެވެ.
ޝަފައީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅުއްވީ، އޭސީސީގެ ރައީސް މުއައްވިޒް ރަޝީދެވެ.
އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، އެއް މިލިޔަން ޑޮލަރު އިސްލާމިކް ބެންކުގައިވާ، ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ހިންގި ގޮތް މުއައްވިޒް ވަނީ ހެކީގެ ގޮތުގައި ޝަރީއަތުގެ މަޖިލީހަށް ވިދާޅުވެދެއްވައިފައެވެ.
އެކަމާ ގުޅިގެން ދިފާއުގައި މުއައްވިޒްއާ ސުވާލު ކުރެއްވުމަށް ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި ހެއްކާ ސުވާލު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އޭސީސީ އާއި އެމަނިކުފާނާ ދެމެދު އެއްބަސްވެގެން އެކުލަވާލި އެއްބަސް ވުމުގެ ދަށުން އެއްމިލިޔަން ޑޮލަރު، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަމަށެވެ.
އަދި އެ އެއްމިލިޔަން ޑޮލަރަކީ، ދައުލަތަށް ލިބެންވާ ފައިސާތޯ، ނުވަތަ ނޫންތޯ، 12 މަސްދުވަހުގެ ތެރޭގައި ތަހުގީގުކޮށް އޭސީސީން ކަނޑައަޅާނެ ކަމަށް އެ އެއްބަސްވުމުގެ ތިންވަނަ މާއްދާގައި ބުނެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ އެއްބަސް ވުމުގެ މުއްދަތު މިއަހަރުގެ މާޗުމަހަށް ހަމަވެފައިވާއިރުވެސް އޭސީސީއަށް ގޮތެއް ކަނޑައެޅިފައިނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ތަފުސީލް ދެއްވުމުގެ ކުރިން، އޭސީސީން އެ މައްސަލަ ތަހުގީކޮށް ނިންމުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 12 މަސްދުވަހުގެ މުއްދަތު ހަމަވާ ތާރީހަކީ ކޮބައިތޯ، މުއައްވިޒްގެ އަރިހުން ރައީސް ޔަމީިން ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި މުއައްވިޒް ވިދާޅުވީ ހަނދާން ވާގޮތުން އެ މުއްދަތު ހަމަވީ ޖޫންމަހު ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އެ 12 މަސްދުވަހުގެ މުއްދަތު މާޗްމަހުގެ ތެރޭގައި ހަމަވެފައިވާ ކަމަށެވެ. އެކަމަށް މުއައްވިޒް އެއްބަސްވެވަޑައިގެން، އެ މުއްދަތުގައި ތަހުގީގު ނިންމިފައިނުވާ ކަމަށް ވިދާޅުވިއެވެ.
މުއައްވިޒް ވިދާޅުވީ، އެކަމުގެ ތަހުގިގު ނިންމިފައި ނުވަނީ، އެސްކްރޯ އެކައުންޓްގައި ހުރި އެއް މިލިޔަން ޑޮލަރަކީ އޭސީސީން ބުނާ ފައިސާ އަށް ނުވާތީ އާއި އެކަމާބެހޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިގެން އިތުރު މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާތީ ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އެކައުންޓްގައި ކޮންމެ ފައިސާއެއް ހުރި ނަމަވެސް އެ ފައިސާއަކީ ދައުލަތުގެ ފައިސާތޯ ނުވަތަ ނޫންތޯ، އެއްބަސްވުުމުގައި ވާ މުއްދަތުގެ ތެރޭގައި އޭސީސީއަށް ނިންމެން ޖެހޭނެ ކަމަށެވެ.