ރައްޔިތުންގެ މަޖިލިސް

މަޑުއްވަރީ އާއި މީދޫ ސިއްހީ މަރުކަޒާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރާ މާދަމާ ސުވާލު ކުރަނީ

ރ. އަތޮޅު މަޑުއްވަރީ އާއި މީދޫ ސިއްހީ މަރުކަޒާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ސުވާލު ކުރަން ތާވަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެ ކަންތައްތަކާބެހޭގޮތުން ހެލްތު މިނސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާ މެންބަރު، އާދަމް ޝަރީފު އުމަރެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރު ކުރައްވައި ސުވާލު ކުރެއްވުމަށް ކުރިއަށްގެންދަވާ މަސައްކަތުގެ ދަށުން، ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާއާ ސުވާލުކުުރުމަށް އަންނަ ބުދަ ދުވަހު، މަޖިލީހަށް ހާޒިރު ކުރުމަށްވެސް ވަނީ ނިންމައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ނަހުލާއާ ސުވާލު ކުރެއްވުމަށް ހަމަޖައްސާފައިވަނީ، މާލޭގައި ޕާކު ކުރާނެ ތަންތަން އެކަށީގެންވާ މިންވަރަށް ނުހަދައި، ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ޕާކިންގް ސްޓިކާ ޖަހާ މައްސަލައާ ގުޅިގެންނެވެ.

ނަހުލާ ހާޒިރުކުރުމަށް ޖާބިރު ހުށަހެޅުއްވީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުއެވެ.

މަޖިލީހުުގެ މަސއްކަތްތަކާބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު އައިޝަތު ނިއުޝާ ވިދާޅުވީ، މި ހަފުތާތެރޭގައި ދެ ގަރާރަކާއި ތިން ބިލެއްގެ އިބްތިދާއީ ބަހުސް ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އިބްތިދާއީ ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ދެ ގަރާރަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ރާއްޖެ އެތެރެ ކުރެވޭ ހަކަތައިގެ ބާވަތުގެ ގަރާރަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ގަރާރެކެވެ.