ކްރިމިނަލް ކޯޓް

އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ނިންމައި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފި

އިބްރާހިމް ޒަކީ

ދެން އޮންނަ އަޑުއެހުމަކަށް، ވީހާވެސް ގިނަ އަދަދެއްގެ، ހެކިން ހާޒިރުކުރަން ނިންމައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދުުގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފިއެވެ.

ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެގެންދިޔަ މިއަދުގެ ޝަރީއަތުގެ މަޖިލިސްވެސް ކުރިއަށް ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ޝަރީއަތް ފެއްޓެވުމަށްފަހު، ދިފާއީ ވަކީލުން ހުށަހެޅުއްވުމަށް ރައީސް ޔާމީންގެ ވަކީލުންނަށް ގާޒީ ފުރުސަތު ދެއްވިއެވެ.

އެ ފުރުސަތުގައި ދިފާއީ ވަކީލުން އިޖުރާއީ މައްސަލައިގެ ގޮތުގައި ބައެއް ކަންކަން ފާހަގަ ކުރައްވައި ހެކި ހުށަހަޅުއްވިއެވެ.

ދިފާއީ ވަކީލުން ޝަފައީ ހެކިންގެ ގޮތުގައި ހުށަހެޅުއްވީ، ކުރީގެ ގަވަރުނަރު މއ. ރޮޒޭރިއަމް ކ. މާލެ، އަޒީމާ އާދަމް އެވެ. އަދި ކިތާބީ ހެއްކެއްގެ ގޮތުގައި އަލްޖަޒީރާއިން ނެރުނު ސްޓީލިން ޕެރެޑައިސް ރިޕޯޓާ ގުޅިގެން އެމްއެމްއޭއިން ނެރުނު ނޫސް ބަޔާން ހުށަހެޅިއެވެ.

ދިފާއީ ވަކީލުން އިޖުރާއީ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ދައުވާ ހުށަހަޅާ ފޯމުގައި ހުރި މައްސަލަ ތަކަކާއި، ޖޭއެސްސީން ގާޒީ ހައިލަމްގެ މައްސަލައެއް ބަލަމުން ދިއުމާއި، ބެންޗެއްގެ ބަދަލުގައި އިސް ފަނޑިޔާރު އެކަނި މައްސަލަ ބައްލަވަމުން ގެންދާ މައްސަލައެވެ.

އަދި ޝަރީއަތުގެ މަޖިލިސް ލައިވް ކުރަންޖެހޭނީ ކަމާބެހޭ އުސޫލެއް ހަަދައި އާއްމުކޮގެން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ގާޒީ ހައިލަމް ވިދާޅުވީ، ޝަރީއަތް ލައިވް ކުރަމުންދަނީ އެކަމާބެހޭ އުސޫލެއް ކަނޑައަޅައި ފަނޑިޔާރުންގެ މަޖިލީހުންވެސް ފާސްކޮށްގެން ކަމަށެވެ.

ޝަރީއަތް އިންސާފުވެރިވުމާމެދު، ދިފާއީ ވަކީލުން ސުވާލު އުފެއްދެވީ ގާޒީ ހައިލަމް ސަސްޕެންޑް ކުރުމުގެ ބާރު ޖޭއެސްސިއަށް އޮވެފައި އެތަނުގައި ސިޔާސީ ބޭފުޅުން ތިއްބެވުމާމެދުގައެވެ.

އެ އަށް ޖަވާބު ދެއްވަމުން ގާޒީ ހައިލަމް ވިދާޅުވީ، އެ ކަމަކީ މައްސަލައަށް ނުފޫޒު ފޯރުވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ޖޭއެސްސީން މައްސަލައެއް ބަލަމުންދާކަން އަންގަވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ، ފުރަތަމަ މަރުހަލާގެ ކޯޓަކުން މައްސަލައެއް ބަލާއިރު، އުސޫލެއްގެ ގޮތުން އެއީ އެއް ފަނޑިޔާރަކު ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން އަަށް ހެއްކެއް ހުށަހަޅާފައިވާއިރު، މިއަދު ގެ މަޖިލީހުގައި ފުރުސަތު ލިބިފައިވަނީ، ޝަފައީ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި، އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ދިނުމާއި ސުވާލު ކުރުމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އޭސީސީން ދިރާސާ ކުރަމުން ދިޔައިރު، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާއި، އެކަމުގައި އޭސީސީއަށްް ފާހަގަ ކުރެވުނު ކަންތައްތައް ހެކީގެ ގޮތުގައި މުއައްވިޒް ވަނީ ޝަރީއަތުގެ މަޖިލީހަށް ކިޔުއްވައި ދެއްވަައިފައެވެ.

މުއައްވިޒްގެ ހެކިބަހާ ގުޅިގެން ދެ ފަރާތުންނާއި އިސް ގާޒީ ވަނީ އޭނާއާ ސުވާލު ކުރައްވައިފައެވެ.

މުއައްވިސްގެ ހެކިބަސް ނަގައި ނިމުމުން ގާޒީ ހައިލަމް ވިދާޅުވީ، ދެން އަންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ވީހާވެސް ގިނަ ހެކީންގެ ހެކިބަސް ނަގައި ނިންމުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ. އަދި އިތުރަށް ބޭނުންވެއްޖެނަމަ ޝަރީއަތުގެ މަޖިލީހަށް އަދިވެސް އޭސީސީގެ ރައީސް ހާޒިރުކުރަން ޖެހިދާނެކަމަށް ވިދާޅުވެ، މިއަދުގެ ޝަރީއަތް ނިންމަވައިލެއްވިކަން ގާޒީ އިއުލާން ކުރެއްވިއެވެ.

މިއީ މި ޝަރީއަތުގެ ދެވަނަ އަޑުއެހުމެވެ.

ފުރަތަމަ އަޑުއެހުމުގައި ޝަރީއަތުގެ އަޑުއެހުން ދެން އޮންނާނެ ދުވަހެއް އިއުލާން ކުރެއްވި ނަމަވެސް ދެން މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ ހައިލަމް މިއަދު އިއުލާނެއް ނުކުރައްވައެވެ.