ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ދިފާއީ ހެއްކަކަށް ކުރީގެ ގަވަރުނަރު އަޒީމާގެ ނަން ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ދައުވާގައި ދިފާއީ ހެއްކަކަށް ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ނަން ހުށަހަޅައިފިއެވެ.

ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލު އަލީ ޝާހު ވަނީ ދިފާއުވުމަށް ޝަފަވީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ކުރީގެ ގަވަރުނަރު މއ. ރޮޒޭރީރު، އަޒީމާ އާދަމްގެ ނަން ހުށަހަޅުއްވައި، އަދި ކިތާބީ ހެކީގެ ގޮތުގައި އެމްއެމްއޭގެ ނޫސް ބަޔާނެއް ހުށަހަޅުއްވާފައެވެ.

ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި މިއަދުގެ އަޑުއެހުމަށް ހާޒިރުކުރެއްވީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދެވެ.

ރައީސް ޔާމީންގެ ވަކީލު އަލީ ޝިޔާޒް ވަނީ ބައެއް ހެކިންގެ ހެކިބަހާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ. ވަކީލު ޝިޔާޒް ވިދާޅުވީ ބައެއް ހެކިންނަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވާ ކަމަށް ބަޔާންތަކުން އެނގޭ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ހެކިން ބަލައިގަންނަން ނިންމާފައިވާ ކަމަށާއި އަދި ހެކިބަސް ނަގާއިރު، އެފަދަ ހާލަތެއް އައިސްފި ނަމަ، ޝަރީއަތުން ހެކިބަހަށް ރިއާޔަތް ކުރުމުގައި އެކަން ނިންމާނެކަމަށެވެ. އަދި އިބްތިދާއީ ޝަރީއަތުން ގޮތް ނިންމާފައި ހުރި ކަންކަމާ މެދު ވާހަކަ ނުދެއްކުމަށް ގާޒީ ހައިލަމް ވަކީލުންނަށް އިރުޝާދު ދެއްވިއެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ މުއައްވިޒުގެ ހެކިބަސް ނެގުމާމެދު އިއުތިރާޒްކޮށްފައެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި މުއައްވިޒުގެ ހެކިބަސް ވަނީ ނަގައިފައެވެ.

ހެކިބަސް ދެމުން މުއައްވިޒު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި 2015 އަހަރު އޭސީސީން މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށެވެ. އަދި ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރެވުނީ 2016 ވަނަ އަހަރު ކަމަށް މުއައްވިޒު ވިދާޅުވިއެވެ.