ކްރިމިނަލް ކޯޓް

ޖޭއެސްސީން އަޅުގަނޑުގެ މައްސަލައެއް ބަލަމުންދާކަން އަންގާފައެއް ނެތް: ހައިލަމް

އިބްރާހިމް ޒަކީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން އަންގާފައި ނުވާ ކަމަށް ހައިލަމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރިއަށް ގެންދާ މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި، ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދިއުމާއި، ގާޒީ ސަސްޕެންޑް ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވުމާއި ޖޭއެސްސީގައި ސިޔާސީ ފަރާތްތައް ތިއްބެވުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވިދާނެ ކަމެއް ކަމަށް ރައީސް ޔާމީންގެ ވަކީލުން (ދިފާއީ ވަކީލުން) ފާހަގަ ކުރެއްވުމުން، ހައިލަމް ވިދާޅުވީ، އޭނާގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާކަން އަންގާފައި ނުވާ ކަމަށެވެ. އަދި އެއީ މައްސަލައަށް ނުފޫޒު ފޯރުވާފަދަ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ، ޖޭއެސްސީން މައްސަލަ ބަލަމުންދިއުމާ ގުޅިގެން މައްސަލައިން ތަނާޒުލުވެވަޑައިގަންނަވާނަމަ، ދެން އެ މައްސަލަ ބައްލަވަން ވަޑައިގަންނަވާ ބޭފުޅަކަށްވެސް ހަމަ އެ މައްސަލަ އެގޮތަށް ދިމާވެދާނެ ކަމަށާއި، ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމަކީ ޝަރީއަތަށް ނުފޫޒު ފޯރަފާނެ ކަމެއްކަމަށް ދެކެވަޑަައިނުގަންނަވާ ކަމަށްވެސް އިސް ގާޒީ ވިދާޅުވިއެވެ.

ހައިލަމް މިހެން ވިދާޅުވި ނަމެސް، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްއާ ގުޅޭ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ހުސްވި ޖުލައި މަހުގެ 31 ގައި ޖޭއެސްސީން ވަނީ ބުނެފައެވެ.

އެދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ހައިލަމްގެ މައްސަލަ ބެލުމަށް ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން ބަލަން ނިންމާފައިވަނީ ހައިލަމްގެ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހައިލަމްގެ އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ފޮނުވުމަށް އެދުވަހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. އެ މައްސަލަ ފޮނުވާފައިވަނީ ތައުދީބީ ކޮމިޓީއަށެވެ.