ކްރިމިނަލް ކޯޓް

ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގެ މައްސަލަ ސާބިތެއްނުވި

އާނިފާ ހުސެއިން ސިރާޖް

ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް އަކަށް ފައިސާތަކެއް ޖަމާކުރަން ދިޔަ ހައި އިންވެސްޓްމަންޓްގެ މުވައްޒަފެއްގެ އަތުގައި ހުރި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ގއ. ކޮލަމާފުށި، ނިވައިދަށުގެ، އަލީ ރަފާހް ރިޔާޒް އާއި ސ. ހިތަދޫ، ޑިސެމްބަރު، ހުސައިން ޝާނީޒް އަދި ލ. ގަން، ތުނޑި، ކީމިޔާގެ، ހަސަން ރާޝިދުއަށެވެ.

ހަސަން ރާޝިދު އާއި އަލީ ރަފާހުގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއް މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުގެ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އަދި ހުސައިން ޝާނީޒް ގެ މައްޗަށް އުފުލާފައި ވަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިނަވަރަށް މި ދައުވާ ސާބިތުވާ ވަރުގެ ހެކި ދައުލަތައް ހުށަހަޅާފައި ނުވާތީ ހަސަން ރާޝިދު އާއި އަލީ ރަފާހުގެ މައްޗަށް ކޮށްފައި ވާ އެހެން މީހެއްގެ މުދަލެއް މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުގެ ހިންގުމުގެ ކުށުގެ ދައުވާ އާއި ހުސައިން ޝާނީޒް ގެ މައްޗަށް އުފުލާފައި ވާ އެކަމުގައި ބައިވެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމުގައެވެ.

މި ހާދިސާ ހިނގާފައި ވަނީ 24 އޭޕްރީލް 2016 ގެ ހެނދުނުގެ 9:10 ހާއިރު ހައި އިންވެސްޓްމަންޓްގެ މުވައްޒަފަކު ކަޅުކުލައިގެ ދަބަހަކަށް 449،305 ރުފިޔާ އާއި 6،200 އެމެރިކާ ޑޮލަރު އަޅައިގެން ބޭންކަށް ޖަމާކުރަން ދަނިކޮށެވެ. އެ މުވައްޒަފަށް ވަޅީން ބިރު ދެއްކުމަށް ފަހު މަގުމަތީން އެ ފައިސާ ފޭރިގަތީ އެވެ. ބީއެމްއެލްގެ މަޖީދީމަގުގައި ހުންނަ ބްރާންޗަށް ފައިސާތައް ޖަމާކުރަން ދަނިކޮށް ކަށިމާ ހިނގުމާއި ބުރުޒު މަގު ގުޅޭ ހިސާބުން ދެ ސައިކަލެއްގައި ދިޔަ ތިން މީހުންގެ ގުރޫޕަކުން ވަނީ ވަޅިން ބިރު ދެއްކުމަށް ފަހު އެ ފައިސާތައް ފޭރިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން ތިން މީހުން ހޯދަން ފުލުހުން އިއުލާނު ކުރުމުން އަލީ ރަފާހް އާއި ހުސައިން ޝާނީޒް ވަނީ އަމިއްލައަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެފަ އެވެ.