ކްރިމިނަލް ކޯޓް

ޔާމީންގެ ޝަރީއަތަށް އިތުރު ގާޒީން ބޭނުންވާ ކަމަކަށް ނުދެކެން، އަޅުގަނޑަށް އިންސާފު ގާއިމް ކުރެވޭނެ: ހައިލަމް

އިބްރާހިމް ޒަކީ

މަނީލޯންޑާ ކުރުމުގެ ކުށުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރިއަތުގެ މަޖިލީހަށް، އެ މައްސަލަ ބަލަން އިތުރު ގާޒީން ބޭނުންވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި، ދިފާއީ ހެކިން ހުށަހެޅުއްވުމަށް، ރައީސް ޔާމީންގެ ވަކީލުންނަށް ދެއްވި ފުރުސަތުގައި، ޝަރިއަތާބެހޭ ބައެއް ކަންކަން ފާހަގަކުރައްވަައި، ޔާމީންގެ ވަކީލު ވިދާޅުވީ، ގާޒީންގެ ބެންޗަކުން ޝަރީއަަތް ބަލައިދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށާއި ސުޕްރީިމް ކޯޓަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އެ ހުށަހެޅުއްވުމާ ގުޅިގެން ގާޒީ ހައިލަމް ސުވާލު ކުރެއްވީ، މައްސަލަ ބެއްލެވުމަށް އިތުުރު ގާޒީން ބޭނުންވާ ސަބަބަކީ ކޮބައިތޯއެވެ.

އިޖުރާއީ ދިފާއެއްގެ ގޮތުގައި، ފާހަގަކުރައްވައި ދިފާއީ ވަކީލު ވިދާޅުވީ، ބެންޗް އެކުލަވައިލުމުގެ މަސްއޫލިއްޔަތު ގާނޫނުން ލިބިގެންވާ ފަރާތަކީ އިސްގާޒީ ކަމަށް ވެފައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ގާޒީގެ މައްސަލައެއް ބަލަމުން ދިއުމާއި، ގާޒީ ސަސްޕެންޑް ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވުމާއި ޖޭއެސްސީގައި ތިއްބަވަނީ ސިޔާސީ ބޭފުޅުންކަމުން، ޝަރީއަތަށް ނުފޫޒު ފޯރަފާނެ ކަމަށް ވިދާޅުވިއެވެ.

އެއަށް ޖަވާބު ދެއްވަމުން ގާޒީ ހައިލަމް ވިދާޅުވީ، އެކަމަކީ މައްސަލައަށް ނުފޫޒު ފޯރުވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޖޭއެސްސީން ގާޒީގެ މައްސަލައެއް ބަލަމުން އަންނަކަން އަންގަވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ޖޭއެސްސީން ފިޔަވަޅު އަޅައިފާނެކަމަށް ބަލައި މައްސަލައިން ތަނާޒުލުވާނަމަ ދެން އަންނަ ގާޒީއަކަށްވެސް އެ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އިތުރު ގާޒީން ހިމެނޭ ބެންޗާ ބެހޭގޮތުން ދިފާއީ ވަކީލުން ދެއްކެވި ވާހަކައަށް ހައިލަމް ވިދާޅުވީ، ފުރަތަމަ މަރުހަލާގެ ކޯޓުތަކުން މައްސަލައެއް ބަލާ އިރު، އުސޫލެއްގެ ގޮތުން އެ މައްސަލައެއް އެއް ފަނޑިޔާރަކު ބަލަންޖެހޭ ގޮތަށް އޮންނަ ކަމަށެވެ.

އަދި ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލަން ހަމަޖައްސަނީ، މައްސަލައިގައި ވަށައިގެންވާ ކަންތައްތަކާއި އެހެނިހެން ކަންތައްތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް ވިދާޅުވީއެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ކުރައްވާ ޝަރީއަތަކީ އިތުރު ގާޒީން ބޭނުންވާ ޝަރީއަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ބެންޗަށް ގާޒީިން ކަނޑައެޅުމުގެ ބާރުވެސް އިސްގާޒީގެ ހައިސިއްޔަތުން ލިބިވަޑއިގެން ހުންނެވުމުން ޝަރީއަތް އިންސާފުވެރިވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހައިލަމް ވިދާޅުވިއެވެ.