މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑު އެހުން ފަށައިފިއެވެ.
މިއަދުގެ ޝަރީއަތް ފައްޓަވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަހްމަދު ހައިލަމް ވިދާޅުވީ، މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި ކުރިއަށް ގެންދާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 144 ވަނަ މާއްދާގައި ވާ ގޮތުގެމަތިން ދިފާއުގައި ހެކިން ހުށަހަޅުމާއި، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ.
އެހެން ވިދާޅުވެ ގާޒީ ފުރަތަމަ ފުރުސަތު ދެއްވީ ދިފާއީ ހެކި ހުށަހެޅުއްވުމަށް ރައީސް ޔާމީންގެ ވަކީލުންނަށެވެ.
ދިފާއީ ވަކީލުން ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ހުށަހާފައިވާ ފޯމާމެދު ސުވާލު އުފައްދަވައި، އަދި އެ މައްސަލަ ބެއްލެވުމަށް ފަނޑިޔާރުންގެ ބެންޗެއް ނެތް މައްސަލަ ފާހަގަ ކުރައްވައިފައެވެ. އޭގެ އިތުރުން ޝަފައީ އެއް ހެއްކާއި ކިތާބީ ދެ ހެކިން ފުރަތަމަ ވަނީ ހުށަހަޅުއްވައިފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން އަށް ހެތްކެއް ހުށަހަޅުއްވާފައިވާއިރު، ހެކިބަސް ނަގާފައިވަނީ އެފަރާތުން ހަމައެކަނި ހުށަހެޅު ޝަފައީ ހެކި ކަމުގައިވާ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ހުށަހެޅި، މަނީލޯންޑްރިން މައްސަލައިގެ ދައުވާގެ އިބުތިދާއީ އަޑުއެހުން ނިންމައި ދައުވާ ހުށަހަޅައި ޝަރީއަތް ފަށާފައިވަނީ، މިދިޔަ ޖުލައި މަހުގެ 21 ހުގައެވެ.
އެދުވަހުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓިގެ އިސްގާޒީ އަހުމަދު ހައިލަމް ނިންމައިލެއްވީ މިއަދުގެ އަޑު އެހުމުގައި ހެކިން ހުށަހެޅުމަށް ދެ ފަރާތަށް ފުރުސަތު ދެއްވުމަށްފަހުގައެވެ.