މިދިޔަ އަހަރު ފިލްމު ޒީރޯގެ ނާކާމިޔާބީއަށް ފަހު ޝާހު ދެން ފެނިގެންދާނީ ކޮން ފިލްމަކުންތޯ އެއީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.
މިދޭތެރެއިން ފިލްމް "ސާރޭ ޖަހާންސެ އައްޗާ" އިން ޝާހު ފެނިގެން ގޮސްދާނެ ކަމުގެ އަޑުތަކެެއްވެސް ވަނީ ފެތުރިފައެވެ. އެ ފިލްމުގައި ޝާހު އާއެކު ކޯސްޓާރެއްގެ ގޮތުގައި ފެނިގެންދާނީ ސަލްމާން ކަމަށްވެއެވެ. ނަމަވެސް ޝާހު އަދި ފިލްމު އުފައްދާ ފަރާތް ކަމަށްވާ ސަންޖޭ ލީލާ ބަންސާލީވެސް އެކަން ޔަގީންކޮށެއް ނުދެއެވެ.
ފިލްމު ޒީރޯ ރިލީސްކުރިތާ ހަތް މަސް ވެފައިވާއިރު އަދި މިހާތަނަށް ހަމައެކަނި ޔަގީންވެފައިވަނީ އޭނާގެ ފިލްމު ސީރީޒް ކަމަށްވާ "ޑޯން" ގެ ތިންވަނަ ބައިން ޝާހު ފެނިގެންދާނެ ކަމެވެ.
ޝާހު ބުނި ގޮތުގައި މިވަގުތު އޭނާ އެއްވެސް ފިލްމެއްގައި ހަރަކާތްތެރިއެއް ނުވެއެވެ. އާއްމުގޮތެއްގައި އެއް ފިލްމު ނެރޭއިރު އަނެއް ފިލްމުގެ މަސައްކަތް ފަށާ ކަމަށާއި އެހެން ނަމަވެސް މިފަހަރު އެގޮތަށް ކަން ކުރަން ބޭނުން ނުވީ ކަމަށް އޭނާ ބުންޏެވެ. ހިތް ނޭދޭ ކަމެއް ނުކުރެވޭނެ ކަމަށާއި އެހެން ކަމުން މިފަހަރު އާއިލާއާއެކު ވަގުތު ހޭދަކުރަން މަޑު ކުރީކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އިންޑިއާގެ "މިރާ" ނޫހުން މިވަނީ ސްޕެނިޝް ޝޯއެއް ކަމަށްވާ "މަނީ ހެއިސްޓް" ގެ ރައިޓްސް ހޯދުމަށް ޝާހުގެ ޕްރޮޑަކްޝަން ހައުސްއިން އެދިފައިވާކަމުގެ މައުލޫމާތު ހާމަކޮށްފައެވެ. އެ ޕްރޮޑަކްޝަން ހައުސްއާ ގާތް މީހަކު ބުނި ގޮތުގައި ޝާހުއަށް މަނީ ހެއިސްޓް ދެއްކީ އޭނާގެ ޕާޓްނަރެއް ކަމަށާއި، އެ ޝޯއަކީ ހިންދީ ފިލްމަކަށް ހެދޭނެ ކަހަލަ ކޮންޓެންޓްސް ހުރި ފިލްމެއް ކަމަށް ޝާހު ގަބޫލު ކުރާކަމަށް ވެއެވެ.
މަނީ ހެއިސްޓް އަކީ މިސްޓްރީ މީހެއް އަށް ކްރިމިނަލުން ފަސް މަސް ވަންދެން ޓްރެއިންކޮށް 2.4 ބިލިއަން ޔޫރޯ ބޭންކަކުން ވަގަށް ނެގުމަށް ކުރާ މަސައްކަތުގެ މައްޗަށް ހަދާފައިވާ ޝޯއެކެވެ. އެ މިސްޓްރީ މީހާ އަށް ޝޯގައި ކިޔަނީ ޕްރޮފެސާއެވެ. ނަމަވެސް އެ ޓީމުން ވަގަށް ނަގަން ޖެހެނީ ބޭންކުގެ ފައިސާއެއް ނޫނެވެ. އެމީހުންނަށް ޖެހެނީ ބޭންކުގެ ތިޖޫރީގައި ހޮސްޓޭޖްތައްވެސް ހިމެނޭ ގޮތަށް 11 ދުވަސްވަންދެން ތަޅު ލެވިގެން ރުފިޔާ ޗާޕުކުރުމަށެވެ. ޕްރޮފެސާ ހުންނަނީ ބޭރުގައި ހުރިހާ ކަމެއް މޮނިޓާ ކޮށް ފުލުހުން މެނިޕުލޭޓްކޮށް މިސްލީޑް ކުރުމަށެވެ.
ހަބަރުތައް ބުނާގޮތުގައި ޝާހުގެ ޕްރޮޑަކްޝަން ހައުސްގެ ލިޔުންތެރިން މިހާރު ވަނީ އެ ޝޯގެ ކޮންސެޕްޓް އަށް ހިންދީ ފިލްމެއްގެ ސްކްރިޕްޓް ލިޔަން ފަށާފައެވެ. ނަމަވެސް ފިލްމުގައި ޝާހު އެކްޓަރެއްގެ ގޮތުގައި ފެނިގެން ދާނެތޯ ނުވަތަ ނޫންތޯ އެއީ އުފެދޭ ސުވާލެކެވެ. ފިލްމުގެ ކާސްޓުން ހާމަކުރަނީ ސްކްރިޕްޓް ނިމުމުން ކަމަށް ވެއެވެ.
އެންމެ ފަހުން ޝާހުގެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ފިލްމު "ބަދްލާ" އަކީވެސް ސްޕެނިޝް ތްރިލާއެއް ކަމަށްވާ އިންވިޒިބަލް ގެސްޓް ގެ ރީމޭކެވެެ. އެ ފިލްމުގައި އަމިތާބް ބަޗަން، ތާޕްސީ ޕަންނު އަދި އަމްރިތާ ސިންގް ލީޑް ރޯލުން ވަނީ ފެނިގެން ގޮސްފައެވެ.