ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެއްލާ ކައިފް އަންނަނީ އޭނާގެ ބޮލީވުޑް ޑެބިއު ފިލްމަށް ތައްޔާރުވަމުންނެވެ. ފިލްމު ލަވްޔާތުރީ އިން ބޮލީވުޑަށް ނުކުތް އަޔުޝް ޝަރްމާ އާއެކު އިޒަބެއްލާ ފެނިގެންދާނީ އިންޑިއަން އާމީގައި ހިނގައިދިޔަ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމު ކުވަތާއިންނެވެ.
ބޮލީވުޑްގެ ތަރި ސަލްމާން ޚާން އަކީ ފިލްމު އިންޑަސްޓްރީއަށް އަލަށް ވަންނަ ތަރިންނަށް އަބަދުވެސް ހާއްސަ އިސްކަމެއްދީ އެމީހުން ކުރިއެރުވުމަށް މަސައްކަތް ކުރާ އެއް ތަރިއެވެ. ސަލްމާން ވަނީ އޭނާގެ ޓުވިޓާގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކެޓްރީނާ ކައިފް ގެ ކޮއްކޮ އަދި އޭނާގެ ޅިޔަނުގެ މި ފިލްމުގެ ވާހަކަ ޓުވީޓުކޮށް އެމީހުންނަށް ސަޕޯޓްކޮށްފައެވެ.
އަޔުޝް ފިލްމު ލަވްޔާތުރީ އިން ބޮލީވުޑަށް ނެރެދިނީވެސް ހުދު ސަލްމާނެވެ.
ފިލްމުގައި އަޔުޝް ކުޅެނީ އާމީ އޮފިސަރެއްގެ ރޯލެވެ. އެހެން ކަމުން އޭނާ އަންނަނީ އެރޯލަށް ފިޓް ވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ފިލްމުގައި އިޒަބެއްލާ ކުޅެނީ ކޮންކަހަލަ ރޯލެއް ކަމެއް މާބޮޑަކަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެތަރިންވެސް އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
ވަރަށް ފަހުން ކެޓްރީނާވެސް ވަނީ އިޒަބެއްލާއާއެކު ހުރި ފޮޓޯއެއް ހިއްސާކޮށް އޭނާގެ ސަޕޯޓް އިޒަބެއްލާއަށް އޮތްކަން ހާމަކޮށްފައެވެ.