ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ހައްޔަރުކޮށްފައި ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެއަށް އެބަ ގެންނަ ކަމަށް ފުލުހުން ދާދި ދެންމެ ބުނެފި އެވެ.
މި މައްސަލައިގައި އިތުރު އެއްވެސް ކޮމެންޓެއް ފުލުހުން ނުކުރެ އެވެ.
އަދީބު ހައްޔަރުކުރި ވާހަކަ އާއި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެންނަ ވާހަކަ ފުލުހުން މި ބުނީ އެވާހަކަ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށް، އެ ރިޕޯޓުތަކާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ވެސް ރިޕޯޓުކުރިތާ އެތައް ގަޑިއިރެއްގެ ފަހުންނެވެ.
މީޑިއާތަކުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ ހެޑް ވިދާޅުވެފައި ވަނީ، މި މައްސަލައިގައި ފުލުހުން އެއްޗެއް ބުނާން ޖެހިއްޖެ ނަމަ ބުނާން ޖެހުނު މިންވަރަކަށް ފުލުހުން އިސްވެ ބުނާނެ ކަމަށެވެ. މި މައްސަލައިގައި މީޑިއާތަކުން ވަނީ ފުލުހުންގެ އަމަލާ މެދު ސުވާލު އުފައްދައިފަ އެވެ. އަދީބު ފިލުން އެއްފަރާތުގައި ބާއްވާފައި، މި ކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަވެސް ނުދައްކާތީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަ މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ.
އަދީބު ހައްޔަރުކުރި ވާހަކަ އާއި ރާއްޖޭގެ ސަލާމަތީ ފަރާތްތަކުގެ ހަވާލުގައި ރާއްޖެއަށް ފޮނުވާލި ވާހަކަ މިއަދު ހެނދުނު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ ކަމާ ގުޅޭ މައުލޫމާތުތައް އިންޑިއާގެ ކަމާ ގުޅޭ މުއައްސަސާތަކުން އެ ގައުމުގެ މީޑިއާތަކަށް ވަނީ ދީފަ އެވެ.
އަދީބު ރާއްޖެއަށް ފުރުވާލާފައި ވަނީ ރޭ ދަންވަރު 01:00 ހާއިރު ކަމަށް އިންޑިއާގެ ކަމާބެހޭ މުއައްސަސާތަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ސަލާމަތީ ފަރާތްތަކުން އިންޑިއާއަށް ނުވަތަ ޓަގު އޮތް ސަރަހައްދަށް ދިޔައީ ރޭ ދަންވަރު 12:30 ހާއިރު ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
އަދީބު ރާއްޖޭގެ ފުލުހުންނާ ހަވާލުކުރީ އިންޓަނޭޝަނަލް މެރިޓައިމް ބޯޑަރ ލައިން އާ ހަމަޔަށް ގެންގޮސްފައި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.