އިބްރާހިމް ޒަކީ
އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވާލައި ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ފަސޭހަ ގޮތްތަކެއް ހިމަނައިގެން، ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.
މި ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވުނީ ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ވިޔަފާރިތައް މި ގާނޫނަށް އަމަަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހުގައި ބިދޭސީ ވިޔަފާރި ރެޖިސްޓްރީ ކުރަން ލުއި ގޮތްތަކެއް ގެންނަން ހިމަނާފައިވެއެވެ.
ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު އޮންނަގޮތުން، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށްފަހުގައެވެ. އަދި އެ ގާނޫނުގެ ހަވަނަ މާއްދާގައި ވަނީ ބިދޭސީންނަށް ކުރެވޭ ވިޔަފާރީގެ ޝަރުތުތަކާއި، އުސޫލު ކަނޑައަޅައިފައެވެ.
އެގޮތުން، އެފަދަ ފަރާތަކުން ކުރާ ވިޔަފާރިއެއް ނަމަ އެ ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު، ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ޖެހެއެވެ. އަދި އެ ވިޔަފާރިއަކީ، ގަނޑުކޮށް މުދާ ވިއްކުމުގެ ވިޔަފާރިއަކަށްވުމާއި ވިޔަފާރިކުރާ ފަރާތަކީ އިތުބާރު އޮތް ފަރާތެއްކަމަށް ބަޔާންކޮށް ސަރުކާރު ގަބޫލުކުރާ ބޭންކަކުން ދޫކޮށްފައިވާ ލިޔުމެއް ވެސް އޮންނަން ޖެހެއެވެ.
ނަމަވެސް އެ ބިލުން މި ގާނޫނުގެ ހަ ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމެންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ރައުސްމާލު އެއްމިލިޔަން ޑޮލަރަށްވުރެ އިތުރުވުމާއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެއްލައްކަ ޑޮލަރު ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބަހައްޓަން ޖެހޭކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މާއްދާ އުވިގެންދާނެއެވެ.
މީގެ އިތުރުންވެސް މުހިއްމު އިސްލާހު ތަކެއް މި ބިލުގައި ވަނީ ހިމަނައިފައެވެ.
މި ބިލުން އެ ގާނޫނުގެ އެގާރަ މާއްދާއަކަށް އިސްލާހު ހުށަހަޅައި ބައެއް، އަކުރުތައް މަދުކޮށް އަދި ބައެއް މާއްދާތަކަށް ބައެއް އަކުރު އިތުރު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ.